ގަން އެއާޕޯޓު މަޝްރޫއު 29.7 މިލިއަން ޑޮލަރަށް ރެނާޓަސްއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވވާ ރެނާޓަސް ޕްރޮޖެކްސް އާއި އެވެ. މި...

05 Mar 2023 | 13:04

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވވާ ރެނާޓަސް ޕްރޮޖެކްސް އާއި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 29.7 މިލިއަން އެމެރިކާ ޑޮލަރަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުއެވެ. ރެނާޓަސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ސެލްވަސުންދަރަމް އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއާޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރާނެ އެވެ. މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔާ ސްޓޭޝަނާއި، މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއު ނިމުމުން މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއާޕޯޓް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ފްލައިޓްތައް ރާއްޖޭގެ ދެކުނަށް އޮޕަރޭޓް ކުރުމަށް މަގުފަހިވެ، މި ސަރަޙައްދުތަކުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރު ކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން ވިޔަފާރިއާއި އެކިއެކި ސިނާޢަތްތައް އެ ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް