މިދިޔަ މަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބެންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީގެ ގޮތުގައި ދިވެހިރާއްޖެއިން ދިނުމަށް ހަމަޖެހިފައިވާ މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓު ފޮނުވައިފި އެވެ.
ފުރަތަމަ ޝިޕްމެންޓު ފޮނުވީ ތުރުކީއަށެވެ. ފޮރިން މިނިސްޓްރީން ބުނީ އެގައުމަށް އެހީގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅުތައް ފޮނުވަން ނިންމާފައިވަނީ ފަސް ޝިޕްމެންޓަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ ޝިޕްމެންޓު ފޮނުވީ ތުރުކީގެ ގައުމީ އެއާލައިން ޓާކިޝް އެއާލައިންގެ ފްލައިޓެއްގައި އެވެ. ފޮރިން މިނިސްޓްރީން ބުނީ އެގައުމަށް އެހީގެ ގޮތުގައި ދޭން ނިންމާފައިވާ އެއް މިލިއަން މަސްދަޅުގެ ދެބައިކުޅަ އެއްބައި މިމަހު 10 ވަނަ ދުވަހުގެ ކުރިން ފޮނުވާ ނިމޭނެ ކަމަށެވެ.
ސީރިއާއަށްވެސް ރާއްޖެއިން އެއް މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ނިންްމާފައިވެ އެވެ. އެކަމަކު އެ އެހީ ފޮނުވަން ފަށާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް އެހީއެއްގެ ގޮތުގައި، އެއިން ކޮންމެ ގައުމަކަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު ނިންމަވާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް