ޕަޕަރާޒީންތަކެއް ސައިފް ގޭ ސެކިއުރިޓީ ފޫ އަޅުވާލި މައްސަލައެއް ވަރަށް ހޫނުވެއްޖެ!

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ ދެމަފިރިން ދިރިއުޅޭ ގޭގެ ސެކިއުރިޓީ ފޫ އަޅުވާލައި ޕަޕަރާޒީންތަކެއް އެ ގޭ ގޯތި ތެރެއަށް ވަތް މައްސަލައެއް ވަރަށް ހޫނު ވެއްޖެ އެވެ. ތަރިންގެ ...

05 Mar 2023 | 04:48

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ ދެމަފިރިން ދިރިއުޅޭ ގޭގެ ސެކިއުރިޓީ ފޫ އަޅުވާލައި ޕަޕަރާޒީންތަކެއް އެ ގޭ ގޯތި ތެރެއަށް ވަތް މައްސަލައެއް ވަރަށް ހޫނު ވެއްޖެ އެވެ.

ތަރިންގެ ފަހަތުން 24 ގަޑިއިރު ޕަޕަރާޒީން ކެމެރާތައް ހިފައިގެން އުޅެ އެވެ. ހާއްސަކޮށް ސައިފާ ކަރީނާގެ ދެ ދަރިން ކަމަށްވާ ތައިމޫރާއި ޖަހަންގިރް އަލީ ހާން ޕަތޯޑީގެ ފަހަތުންވެސް ހުރިހާ ގަޑިއެއްގައި ޕަޕަރާޒީން އުޅޭއިރު ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބޭ ދެ ކުދިންނަކީ އެއީ އެވެ.

އެންމެ ފަހުން މިކަން މިވަނީ ހައްދު ފަހަނައަޅާ ގޮސްފައިއެވެ. ރިޕޯޓުތައް ބުނާގޮތުގައި ސައިފް މިހާރު ހުރީ ޕަޕަރާޒީން ދެކެ ވަރަށް ރުޅި އައިސްފަ އެވެ. އޭނާ ހިތް ހަމަ ނުޖެހުނީ މީގެ ދެ ރޭ ކުރިން އޮތް ޕާޓީއަކަށް ގޮސް ކަރީނާ އާއި ދެމީހުން ގެއަށް ވަންނަނިކޮށް 20 އަށްވުރެ ގިނަ ޕަޕަރާޒީން އެ ގޭ ގޯތިތެރެއަށް ވަދެގަތުމުންނެވެ.

އެމީހުން އެތެރެއަށް ދެމިގަތީ ސައިފް މެންގެ ކާރު ވަންނަން ގޭޓު ހުޅުވި ގަޑީގައި ކަމަށާއި ސެކިއުރިޓީއަށް އެމީހުން ވަނުމުގެ ކުރިން ގޭޓު ނުލެއްޕުނީ ކަމަށްވެ އެވެ. ފުރަތަމަ އަޑު އެރިގޮތުގައި މި މައްސަލައިގަ ސައިފް ވަނީ ގޭޓް ސެކިއުރިޓީ ވަޒީފާއިން ވަކިކޮށް އެގޭތެރެއަށް ވަތް ޕަޕަރާޒީންނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައި އެވެ.

އެކަމަކު އެކަން ދޮގުކޮށް ސައިފް ބުނީ އަމިއްލަ މީހެއްގެ ގޭ ގޯތިތެރެއަށް ވަދެގެން ނުވާނެ ކަމަށާއި އިހުތިރާމާއި ގަދަރު އޮންނަން ވާނެ ކަމަށެވެ. އަދި އެރޭ ޕަޕަރާޒީން ގޯތެރެއަށް ވަނުމަށް ފުރުސަތު ލިބުމުގައި ސެކިއުރިޓީ ގާޑުގެ އިހުމާލެއް ނެތުމުން އޭނާ ވަޒީފާއިން ވަކި ކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ.

https://www.instagram.com/reel/CpU3_g_jUz7/

ސައިފް ބުނީ އެ އާއިލާ އަކީ ނޫސްވެރިންނާއި ޕަޕަރާޒީންނަށް އެއްބާރުލުން ދޭ ބައެއް ކަމަށެވެ. އެގޮތުން ގޭޓުން ބޭރުގައި ތިބެގެން ކިތަންމެ ވަރަށް ފޮޓޯ އާއި ވީޑިއޯ ނެގިޔަސް އެއްޗެސް ބުނެފައި ނުވާނެ ކަމަށާއި އެކަމަކު އެކަމުގައިވެސް ހައްދެއް އޮންނަން ވާނެކަމަށެވެ. ހިތްހަމަ ނުޖެހޭ ކަންކަމުގެ ތެރޭގައި ދަރިން ސްކޫލްގައި ކިޔަވާ ވަގުތު ސްކޫލްް ކައިރިއަށް ގޮސް ސްކޫލް ގޯތިތެރޭގައި ކުޅެ ހަދަން އުޅޭ އިރު ފޮޓޯ ނެގުމުގެ ބޭނުމެއް ނެތް ކަމަށް ބުންޏެވެ.

ކުރިންރޭ ގޯތިތެރެއަށް ވަތް މައްސަލައިގަ ސައިފް ވަނީ އެމީހުން ނިދާ ކޮޓަރިއަށް ވަންނަންވީ ނޫންްހޭ ބުނުމަށް ފަހު ވަރަށް ރުޅި އައިސްގެން އެމީހުންނާއި ދިމާލަށް އެއްޗެހި ކިޔާފައި އެވެ.

މިފަހުން ބަތަލާ އާލިއާ ބަޓާއި ވެސް މިފަދަ ކަމެއް ދިމާވެފައިވެ އެވެ. އޭނާ ގޭތެރޭގައި އިންދަ އެހެން ގެއެއްގެ ޓެރަސްއަށް އަރައިގެން ޕަޕަރާޒީއަކު ސިއްރުން ފޮޓޯ ނެގި މައްސަލައިގަ އާލިއާ ވަނީ ފުލުހަށް މައްސަލަވެސް ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް