އިންޑޮނޭޝިޔާ އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 17 އިން މައްޗަށް

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ ތެޔޮގުދަނެއްގައި މިދިޔަ ހުކުރު ދުވަހު ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން 08:00 ހާއިރު...

05 Mar 2023 | 03:38

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ ތެޔޮގުދަނެއްގައި މިދިޔަ ހުކުރު ދުވަހު ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން 08:00 ހާއިރު އަލިފާނުގެ ހާދިސާ ހިނގީ އުތުރު ޖަކާޓާގެ ބައިބޯ ސަރަހައްދެއްގައި ގާއިމުކޮށްފައި ހުންނަ އެ ގައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނި "ޕާޓްރަމީނާ" ގެ ގުދަނެއްގައެވެ.

އެ ގުދަން ހުންނަނީ އާއްމުން ދިރިއުޅޭ ގިނަ ގެތަކެއް ހިމެނޭ ބައިބޯ ސަރަހައްދެއްގައި ކަމުން އަލިފާން ބޮޑު ސަރަހައްދަކަށް މަދުވަގުތުކޮޅެއްގައި ފެތުރު ގިނަ ގެތަކެއް އަނދާފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާގައި ކުޑަ ދެ ކުއްޖަކު ހިމެނޭހެން 17 މީހަކު މަރުވެފައިވާއިރު ޒަޚަމްވެ ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 60 އިން މަތީގައެވެ. 300 އަށްވުރެ ގިނަ މީހަކު އެ ސަރަހައްދުން ހުސްކޮށް ރައްކާތެރި ސަރަހައްދަކަށް ގެންދަން ޖެހުނު ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން މިހާތަނަށް ތެޔޮ ކުންފުނިން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއި ގުގުރުމާއި ހޮނުއެޅުމުގެ ސަބަބުން ގޭސް ހޮޅިއެއް ފަޅައިގެން ގޮސްފައި ހުރުމުގެ ސަބަބުން އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަމުގައި ބެލެވޭ ކަމަށާއި ނަމަވެސް އަސްލު ސަބަބު އެނގިގެންދާނީ ފުރިހަމަ ތަހުގީގެއް ނިމުމުން ކަމަށެވެ.

އެ ތެޔޮ ގުދަނަކީ 2009 ވަނަ އަހަރުގައިވެސް އަދި 2014 ވަނަ އަހަރުގައިވެސް އަލިފާނުގެ މިފަދަ ހާދިސާތައް ހިނގާފައިވާ ތެޔޮ ގުދަނެކެވެ. އެ ގުދަނުގައި 2014 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި 40 ގެއަކަށް އަލިފާން ފެތުރުނެވެ. އެހެންނަމަވެސް އެ ދެފަހަރުން ކުރެ ފަހަރަކު މީހަކު މަރުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް