ޕްރިމިއާ ލީގު: ފަހަތުން އަރައި ބޯންމައުތް ބަލިކޮށް އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް އާސެނަލްއިން ނަގައިފި

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލްގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް އާސެނަލް އިން ނަގައިފިއެވެ. އަމިއްލަ ދަނޑުގައި އެފްސީ ބޯންމައުތް އަތުން މޮޅުވ...

04 Mar 2023 | 20:00

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލްގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް އާސެނަލް އިން ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި އެފްސީ ބޯންމައުތް އަތުން މޮޅުވީ 2-0 ން ފަހަތުގައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޯންމައުތުންނެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ ފިލިޕް ބިލިންނެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީޚުގައިވެސް ޖެހި ދެވަނައަށް އެންމެ އަވަސް ލަނޑެވެ. އޭނާ ގޯލް ޖެހީ 9.11 ސިކުންތުންނެވެ. ލީގުގައި އެންމެ އަވަސް ލަނޑު 2019 ވަނަ އަހަރު ޖަހާފައިވަނީ ސައުތުހެމްޓަންގެ ޝޭން ލޯންގްއެވެ. އޭނާ ލަނޑުޖެހީ 7.69 ސިކުންތުންނެވެ.

ބޯންމައުތްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ބޯންމައުތްއަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މާކޯ ސެންސީއެވެ.

ބޯންމައުތް ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް އާސެނަލް ފަހަތުން އަރައި މޮޅުވިއިއރު، އާސެނަލްގެ ފުރަތަމަ ލަނޑު 62 ވަނަ މިނެޓުގައި ޖަހައިދިނީ ތޯމަސް ޕާޓޭއެވެ. އާސެނަލްގެ ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ބެންވައިޓް ކާމިޔާބު ކޮށްދިންއިރު، އާސެމަލް މި މެޗުން މޮޅުވި ލަނޑު، މެޗުގެ ތިންވަނަ ލަނޑު ޖަހައިދިނީ ރެއިސް ނެލްސަންއެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 90 މިނެޓު ކުޅެވި އިތުރަށް ދެއްކި ހަތްވަނަ މިނެޓުގެ ތެރޭގައެވެ.

މިމޮޅާއެކު އާސެނަލްއިން ވަނީ އަލުން ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އާސެނަލް އެއްވަނާގައި އޮތީ ކުޅުނު 26 މެޗުން 63 ޕޮއިންޓް ލިބިގެންނެވެ. ދެވަނާގައި އޮތް ސިޓީއަށް ލިބެނީ 26 މެޗުން 58 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް