މާލޭ ހުކުރު މިސްކިތް މަރާމާތުކުުރުމުގެ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމްގެ ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވީ، މާލޭ ހުކުރު މިސްކިތަށް ގިނަ ދުވަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
ނާއިލް ވިދާޅުވީ މިސްކިތުގެ މަތިވަޑާންގަނޑު ވަރަށް ބޮޑަށް ބާރުދެރަވެފައިވާކަމަށާއި ހުކުރު މިސްކިތް ރައްކާތެރިކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
އަދި މިނިސްޓްރީން މިހާރު މަސައްކަތްކުރަމުންދަނީ ރަމަޟާންމަސް ނިމުމުން ހުކުރު މިސްކިތުގެ މަރާމާތުގެ ކަންކަން ފެށުމަށްކަމަށް ނާއިލް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ހުކުރު މިސްކިތުގެ ސްޓްރަކްޗަރަލް ކޮންޒަވޭޝަންގެ މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތްތައް ކުރުން ހިމެނޭކަމަށް ހެރިޓޭޖް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ ތެރޭގައި މިސްކިތުގެ މަތިވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް އަދި ސައިނެޖް މަރާމާތުކުރުން ހިމެނެއެވެ.
މީގެ އިތުރުން ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެކަށީގެންވާ ޓްރީޓްމެންޓް ދިނުންވެސް ހިމެނެއެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް