ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިން ޕޮއިންޓަކަށް ފީނަން ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ދެކުނުން ގާތްގަނޑަކަށް އެއްމޭލު ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިންގ ޕޮއިންޓްގައި އޮތް ސަފާރީއަކުން ޑައިވްކުރުމަށް ފޭބި ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހޯދަން ފަށާފައިވާކަމަށެވެ.
"މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އަށް ލިބިފައިވަނީ މިރޭ 18:55 ހާއިރު، މި ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް ފާސްޓްއިންޓަރސެޕްޓަރ ކްރާފްޓް ވެލާނާ އެ ސަރަޙައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި" އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ 20 މީހުންނާއެކު ޑައިވިން ކުރަން ފޭބި 45 އަހަރުގެ ފިރިހެން ފަތުރުވެރިޔާ މޫދަށް ފައިބައިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 17:10 ހާއިރު ކަމަށާއި މި ފަތުރުވެރިޔާ ޑައިވިންގއަށް ފޭބިއިރު ލައިގެން ހުރީ އަޅިކުލައިގެ ރޭސްގާޑް ( ޑައިވް ޓީޝާޓް ) އެއް ކަމަށެވެ. އަދި ކަޅުކުލައިގެ މާސްކެއް އަޅާފައިވާއިރު، އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށެވެ. މި މީހާ ހޯދުމުގެ މަސައްކަތް އެމްއެެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް