މާލެ-ކޮލަމްބޯ ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަން އަށް ލިބިއްޖެ

ގައުމީ އެއާލައިން މޯލްޑިވިއަން ގެ ދަތުރުތައް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ފެށުމުގެ ހުއްދަ ލިބިއްޖެ އެވެ. އެ ހުއްދަ ލިބިފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގަ...

05 Mar 2017 | 06:51

ގައުމީ އެއާލައިން މޯލްޑިވިއަން ގެ ދަތުރުތައް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ފެށުމުގެ ހުއްދަ ލިބިއްޖެ އެވެ.

އެ ހުއްދަ ލިބިފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައްވައި، ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލެއިން ކޮލަމްބޯއަށް ކުރާ ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރިޔަށް ގެންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ތާރީހެއް އިއުލާނު ކުރެވޭނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.

މިދިޔަ އަހަރު އީދު ބަންދާ ދިމާކޮށް މޯލްޑިވިއަން އިން ވަނީ އައްޑޫ އިން ކޮލަމްބޯއަށް ދަތުރުތަކެއް ބާއްވާފައި އެވެ. އެ ކުންފުނިން ބުނީ އެ ފަހަރުގެ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށެވެ.

މޯލްޑިވިއަން އިން މިހާރު ދަނީ އިންޑިއާގެ ދެ ސިޓި އަކަށާއި ޗައިނާގެ ހަ ސިޓީއެއްގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި ތައިލެންޑުގެ ވެރިރަށް ބެންކޮކް އަށް ދަތުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް