ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގާވާ ފިންގާޕްރިންޓަކީ ކާކުގެ ފިންގާޕްރިންޓެއްތޯ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މަހުލޫފު މި މޭރުމުން ޓްވީޓްކޮށްފައިވާއިރު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގައި ހުރި ފިންގާ ޕްރިންޓް ނާޒިމާއި އޭނާގެ އާއިލާގެ އެއްވެސް މެމްބަރެއްގެ ފިންގާ ޕްރިންޓާ ފުލުހުންގެ ޑޭޓާ ބޭސްގައި ހުރި ފިންގާ ޕްރިންޓާ ދިމާނުވާ ކަމަށް ފުލުހުންގެ ރިޕޯޓުތަކުން ހާމަވެފައިވާ ކަމަށެވެ.
https://twitter.com/AhmedMahloof/status/573507759942979584
މައުމޫން ހަމީދު ވިދާޅުވީ ބައެއް ކަންކަން ފާހަގަކުރެވިފައިވާކަމަށާއި އެއް ކަމަކީ ހޯދާފައިވަނީ ކާނަލް ނާޒިމާއި ކާނަލް ނާޒިމްގެ އާއިލާ މީހުންނާ ގުޅުމެއް ނެތް ތަކެތި ކަން ކަމަށާއި މިކަމުގައި ދެވަނަ ފަރާތެއް އެބައުޅޭކަންވެސް އެނގޭ ކަމަށެވެ. އަދި ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގައި ހުރި ފިންގާ ޕްރިންޓަކީ ކޮން ބޭފުޅެއްގެ ފިންގާ ޕްރިންޓެއް ކަން ފުލުހުން ހޯދުމަށް މަސައްކަތް ނުކުރާ ކަމަށާއި ފުލުހުންގެ ރިޕޯޓުތައް އެހެން ހުރުމުން އެއީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ބައެއް އަޑުއެހުންތައް މިހާރު ބާއްވާފައިވާއިރު އެންމެފަހުން ބޭއްވި ޝަރީއަތުގައި ދައުލަތުން މިހާރު ވަނީ ނާޒިމްގެ މައްޗަށް ކުރާ ދައުވާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް