ނަޝީދާއި ދެކޮޅަށް މިރޭ އެއްވެސް ހެކިވެރިއަކު ހެކި ބަހެއް ނުދޭ: ވަކީލުން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް ފަރާތަކަށް އަމުރު ކުރި ކަމަށް ބުނެ މިރޭ ދައުލަތުން ހުށަހެޅި އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފ...

05 Mar 2015 | 16:57

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް ފަރާތަކަށް އަމުރު ކުރި ކަމަށް ބުނެ މިރޭ ދައުލަތުން ހުށަހެޅި އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައި ނުވާކަމަށް ނަޝީދުގެ ވަކީލުން ބުނެފި އެވެ.

ނަޝީދާއި ދެކޮޅަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ފަސް ވަނަ ޝަރީއަތަށް ފަހު ނަޝީދުގެ ވަކީލުން ވިދާޅުވީ މިރޭ ހުށަހެޅި ހެކިން ނަޝީދާއި ދެކޮޅަށް ހެކި ބަސް ދީފައިނުވާކަމަށެވެ. މިރޭގެ ޝަރީއަތުގައި ނަޝިދުގެ ފަރާތުން އެއްވެސް ސުވާލެއް ނުކުރީވެސް އެހެންވެ ކަމަށާއި ހެއްކެއްގެ ގޮތުގައި އެންމެ ތަފްސީލްކޮށް ވާހަކަދެއްކެވި މިހާރު ޗީފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްވެސް ނަޝީދު އެފަދަ އަމުރެއް ކުރެއްވިކަން ފާހަގަ ނުކުރައްވާ ކަމަށެވެ.

ނަޝީދުގެ ވަކީލުން ވިދާޅުވީ ހެކިވެރިންނާއި ސުވާލުތަކެއް ނުކުރީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގަ މިރޭ ހެކިބަސްދިން ހުރިހާ ބޭފުޅުންވެސް ވާހަކަދައްކަވާފައިވަނީ ގިރިފުށީގައި އޭނާ ބެހެއްޓި ވާހަކަމަށާއި އެކަމާއި ނަޝީދުގެ ފަރާތުން ދެކޮޅު ނަހަދާ ކަމަށެވެ.

ނަޝީދާ ދެކޮޅަށް ދައުލަތުން މިރޭ ވަނީ ތިން ހެއްކެއް ހުށަހަޅާފަ އެވެ. މިރޭ ނަޝީދާއި ދެކޮޅަށް ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ޝިޔާމްގެ އިތުރުން ސައިކޮލޮޖިސްޓެއްކަމަށްވާ އައިޝަތު ޒީނާ އާއި ޑރ އަލީ ސައީދެވެ.

މިރޭގެ ޝަރީއަތުގައި ހެކި ބަސް ދެއްވި ތިން މީހުންގެ ތެރެއިން ޝިޔާމް ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ސިފައިން އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެ ކަމަށް ކުރީޣެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށެވެ. ޝިޔާމް ވިދާޅުވީ ހައްޔަރު ކުރި މައްސަލައިގަ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ގާޒީ ހައްޔަރު ކުރުމުގެ ކުރިންނާއި ފަހުންވެސް ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންނަށް އަމުރު ނުކުރައްވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ގާޒީ ހައްޔަރު ކުރި ފަހުން ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓާ ތޮލްހަތާއެކު ސިފައިންގެ އޮފިސަރުން ބޭއްވި ބައްދަލުވުމެއްގައި އޮފިސަރުން ވަނީ ގާޒީ ހައްޔަރުގައި ބެހެއްޓުމުން ސިފައިންނަށް އަމާޒުވާ ހިތްހަމަ ނުޖެހުންތަކުން ސަލާމަތްވާން ބޭނުންވާ ކަމަށް ބުނިކަމަށެވެ.

ދެން މިރޭ ހެކިބަސްދިން ސައިކޮލޮޖިސްޓް އައިޝަތު ޒީނާ ވިދާޅުވީ އޭނާ ގިރިފުށީގައި ހުރީ އަބްދުﷲ ގާޒީ އެ ރަށުގައި ހުރި ދެ ހަފްތާގައި ގާޒީގެ ވެލްފެއާ ކަންކަން ހަމަޖައްސައި ދިނުމަށް ކަމަށެވެ. އަދި ގިރިފުށީގައި އޭނާ ހުންނަން އެންގީ އޭރުގެ ޑިފެންސް މިނިސްޓާ ތޮލްހަތު އިބްރާހިމް ކަލޭފާނު ކަމަށެވެ.

ޑރ އަލީ ސައީދު ހެކިބަސް ދެމުން ވިދާޅުވީ އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންދިޔަ އިރުވެސް އޭނާ ހުރީ އެރަށުގައި ކަމަށެވެ. އަދި އޭނާ އަބްދުﷲ ގާޒީ ގުޅަން ބޭނުންވާ ފަރާތްތަކަށް ގުޅައިދިނުމުގެ ކަންކަން ހަމަޖައްސައި ދީފައިވާނެ ކަމަށެވެ.

މިހާތަނަށް ނަޝީދާއި ދެކޮޅަށް ފަސް ފަރާތެއް ދައުލަތުން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައި އެވެ.

ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެށް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް