ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރައްވާނެކަމަށް އުމަރު ވިދާޅުވި: އެމްޑީޕީ- ޖޭޕީ

ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވާފައި ވާކަމަށް އެ ދެ ޕާޓީން ...

05 Mar 2015 | 08:54

ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވާފައި ވާކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިސްލީޑަރުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމަށް ހައްލެއް ގެނައުމަށް ހޯމް މިނިސްޓަރަށް ހުށަހަޅާފައިވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަށްވަން ހުށަހެޅުމުން އަދި އެފުރުސަތު އެ ދެ ޕާޓީއަށް ލިބިފައިނުވާކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ގުޅުން ރަނގަޅުކުރަން ސަރުކާރުން ދައްކަން ހުރި ވާހަކަތައް އަޑުއަހަން، އިދިކޮޅު ފަރާތްތަކުން ތައްޔާރަށް އޮތް ވާހަކަ މިނިސްޓަރު އުމަރަށް ދައްނަވާފައިވާނެ ކަމަށެވެ.

މަޝްވަރާތަކެއް ކުރިޔަށް ދިޔަނަމަވެސް އެ ދެ ޕާޓީން ބޭނުންވާ ކަންކަން ނުވަނީސް އިހްތިޖާޖުތައް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއާއި ޖޭޕީން މިހާރު ނިންމާފައިވަނީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުރުން ސިޔާސީ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތަކުގެ މައްސަލަތަކާއި ގުޅޭގޮތުންނާއި އެހެނިހެން ބައެއް ކަންކަމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށެވެ.

ހޯމް މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވީ ޕީޖީ ލީޑާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޗެއާޕާސަން އަލީ ވަހީދެވެ. ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ލީޑަރު ގާސިމް އިބްރާހީމާއި ނާއިބް ލީޑަރު އަބްދުﷲ ރިޔާޒެވެ.

މިއަދުގެ ބައްދަލުވުމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް