ސިޓީ ކައުންސިލް ސަރަހައްދުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ފުލުހުން އަންގައިފި

މަޖީދީ މަގުގެ ގަލޮޅު ދަނޑާއި ޗާންދަނީ މަގާ ދެމެދު ހިމެނޭ ސަރަހައްދާއި އަލިކިލެގެފާނު މަގުގައި މުޒާހަރާ ނުބޭއްވުމަށް ފުލުހުން އަންގައިފި އެވެ. ފުލުހުން މިގޮތަށް އެންގީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވ...

05 Mar 2015 | 06:27

މަޖީދީ މަގުގެ ގަލޮޅު ދަނޑާއި ޗާންދަނީ މަގާ ދެމެދު ހިމެނޭ ސަރަހައްދާއި އަލިކިލެގެފާނު މަގުގައި މުޒާހަރާ ނުބޭއްވުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުން މިގޮތަށް އެންގީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށް ފުލުހުން ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގަބޫލުކުރެވޭތީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ  6ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެއްވުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ މަސްލަހަތާއި ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށްޓަކައި މިހާރު މަޖީދީ މަގު ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދުގައި ކޮންމެ ރެޔަކު ސިލްސިލާކޮށް ބާއްވާ އެއްވުން، 2015 މާރޗް 5 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ދުވަހުގެ މުއްދަތަށް ރޭގަނޑުގެ 20:00 އާއި 00:00 ދެމެދުގެ ވަގުތުގައި މަޖީދީ މަގުގެ ގަލޮޅު ދަނޑާއި ޗާންދަނީ މަގާ ދެމެދު ހިމެނޭ ސަރަހައްދާއި އަލިކިލެގެފާނު މަގުގައި ނުބޭއްވުމަށް އެއެއްވުން އިންތިޒާމްކުރާ ފަރާތްތަކާއި އެއްވުމުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެ އުޅުމުގެ ޤާނޫނޫގެ 44 ވަނަ މާއްދާގެ (ކ) ން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން އަންގާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ 2 ފެބްރުއަރީ 2015 އިން ފެށިގެން މަޖީދީމަގު ސިޓީ ކައުންސިލް އިދާރާ ހުންނަ ސަރަހައްދުގައި ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ އެއްވުންތަކާއި ގުޅިގެން އެސަރައްދުގައި ދިރިއުޅޭ މީހުންގެ އާއްމު ދިރުއުޅުމަށާއި، އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން، އެސަރަހައްދުގައި ދިރިއުޅޭމީހުންނާއި ވިޔަފާރިކުރާ ފަރާތްކުން އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޝަކުވާ އުފުލައި، އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެދެމުން އަންނަ ކަމަށެވެ.

އަދި މަޖީދީ މަގުގައި ސިލްސިލާކޮށް މިހާރު ބާއްވަމުންއަންނަ އެއްވުންތައް ބާއްވާ ވަގުތަކީ އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ މުހިއްމު ވަގުތުކަމަށްވާއިރު، ކޮންމެ ރެއަކު ސިލްސިލާކޮށް މި އެއްވުން އެސަރަހައްދުގައި ބޭއްވުމުން މަގުތައް ބަންދުވެ، އެއްގަމު ދަތުރުތަކަށް ހުރަސްއެޅި، ހިނގާ ބިގާވުމަށާއި އެސަރަހައްދުގައި ދިރިއުޅޭ މީހުންނާ ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެސަރަޙައްދަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަމާއި އެސަރަހައްދުގައި ދިރުއުޅޭ މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަންމަށްވެސް ބުރޫއަރައި މިކަންކަން ތަކުރާރުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް