ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، "އައިޓީބީ ފެއާ"ގެ އަންނަ އަހަރުގެ މެއިން ސްޕޮންސަރަކަށް ރާއްޖެ ހަމަޖެހިއްޖެ އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. އެކަން ބާލިން ފެއާގެ ރަސްމީ ވެބްސައިޓް ގައި ހާމަކޮށްފަވެ އެވެ.
ބާލިން ފެއާގެ މެއިން ސްޕޮންސަރަކަށް ރާޢްޖެ ހަމަޖެހިގެން ދިއުމުން 2016 ވަނަ އަހަރުގެ ބާލިން ފެއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއްގައި ރާއްޖޭގެ ނަން ހިމެނޭނެއެވެ. ފެއާގައި ކޮންމެ ސްޓޭންޑެއްގައި ރާއްޖެ އިސްތިހާރުވެގެންދާނެ އެވެ.
މިހާޜު ޖަރުމަނުގައި ކުރިޔަށްދާ ބާލިން ފެއާގައި ރޭގަ ވަނީ މޯލްޑިވިއަން ނައިޓް ބާއްވާފައެވެ. މޯލްޑިވިއަން ނައިޓްގައި ވަނީ ދިވެހި ލަވަޔާއި އެކު ސާގާފީ ނެށުން ދައްކުވައިދީފައެވެ.
މި ފެއާގައި ރާއްޖޭގެ 75 ކުންފުންޏަކުން 194 ބޭފުޅުން ބައިވެރިވަޑައިގެންނަވައެވެ. މި ފަހަރު އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ އެހެން އަހަރުތަކާއި ތަފާތުކޮށް ބަލުތަކެއް ގެނެސްފައެވެ. މި ސްޓޭންޑްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކުވައިދިނުމުގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދައްކާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖޭގެ ކެއްކުންތެރިކަމާއި ދިވެހި ހެދިކާގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް އެ ސްޓޭންޑުން ލިބޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓުއަރިޒަމް ފެއާ އައިޓީބީ ފެއާ އިއްޔެ ހުޅުވިއިރު، އެ ފެއާ މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް