އަނިޔާވެރިކަމެއް މާ ގިނަ ދުވަހަށް ދެމިގެނެއް ނުދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާހް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
https://twitter.com/ShImranAb/status/573294924629610496
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެޓްވީޓްގައި އިތުރު އެއްޗެކޭ ވިދާޅުވެފައެއް ނުވެ އެވެ.
ސެއިހް އިމްރާން މިހެން ވިދާޅުވެފައިވާއިރު އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ނިންމުމެއް ރޭގައި އާންމުކޮށްފަ އެވެ. އެ ނިންމުމުގައި އަދާލަތު ޕާޓީން ބުނެފައިވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އިސްލާމްދީނާއި ގާނޫނުތަކާއި ގަވާއިދާ ހިލާފު ކަންކަން އިސްލާހު ކުރުމަށް ގޮވާލާ ހައްގުބަސް ބުނުންމަތީ ދެމިތިބުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވާކަމަށެވެ.
މި ފަހަކަށް އައިސް ސެއިހް އިމްރާން އަންނަނީ ފާޅުކަންބޮޑު ގޮތެއްގައި މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފަހަކަށް އައިސް ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނަ ކަމަށެވެ.
އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ގިނަ ހައްގުތަކެއް މިއަދުގެ ސަރުކާރުން ހަނިކޮށްފައިވާ ކަމަށާއި ސަރުކާރު ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށްވެސް ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި އިމްރާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް