މަޝްޢަރު ގްރޫޕްގެ ވެރިޔާ ފާރިޝްގެ މައްޗަށް ޓެކުމުގެ ދަޢުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ކުރަން ފޮނުވައިފި

މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފުން ޢުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމ...

05 Feb 2025 | 09:31

މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފުން ޢުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ

މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާތަށް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގާ މ. ހަވީރީފިނި، ޢަލީ ފާރިޝްގެ މައްޗަށް ކުރާ ފުރަތަމަ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 6 (ހައެއް) ދަޢުވާ އެވެ.

ދަޢުވާތައް ކުރަނީ ޢަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން ޢުމްރާއަށް ގެންގޮސްދީފައިނުވާތީއާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީ ކަމަށް ބުނެފައިވެއެވެ. ދަޢުވާކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިން ކަމަށާއި މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި ޢުމްރާއަށް ދިއުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޢަލީ ފާރިޝް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރު ކަމަށްވާއިރު އެ ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަލީ ފާރިޝް އަތުން އެ ފައިސާ ނަގައިދިނުމަށް ދަޢުވާގައި އެދިފައިވާނެކަމަށް ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ކުރާ ދެވަނަ ދަޢުވާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާ ކުރާ ސަބަބަކީ ޢަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެ، އެ ފައިސާ، ޢަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، ޢަލީ ފާރިޝްގެ ޙިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާތީ ކަމަށް ބުނެފައިވެއެވެ.

ޢަލީ ފާރިޝް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލު ކަމަށް ބުނެފައިވާއިރު މި މައްސަލައަކީ ތަޙުޤީޤު ހިނގަމުންދާ މައްސަލައެއް ކަމާއި ޢަލީ ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްޢަރު ޕްރައިވެޓް ލިމިޓެޑުން ޢުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ޚިޔާނާތްތެރިވިބައިގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިގައި ޢަލީ ފާރިޝްގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް