ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން %59.6 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4,000 ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބުނީ ތަހުގީގުގައި 4,048 ފޯމު ބަލާފައިވާކަމަށާއި އޭގެ ތެރެއިން %59.6 ފޯމު ޝަރުތުހަމަނުވާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމު ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ފޯމުގައި ދީފައިވާ މައުލޫމާތު ފުށުއެރުމާއި، ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުންތައް ހުށަހެޅުމާއި، ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ޚިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، ފަސޭހައިން ހޯދެން ހުރި މައުލޫމާތުވެސް ނުހޯދައި ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ފްލެޓް ލިބިފައިވާ މީހުންނާއި ދޭތެރޭ ހަދާނެ ގޮތެއް ނިންމާނީ ހައުސިންގ މިނިސްޓްރީން ކަމަށާއި، އެއީ އޭސީސީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގައި 3 ކޮޓަރީގެ 2,712 އެޕާޓްމަންޓާއި 2 ކޮޓަރީގެ 1,188 އެޕާޓްމަންޓް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް