އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވޭނީ އަންނަ އަހަރު: ރައީސް

އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރެވޭނީ އަންނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ފ...

05 Feb 2024 | 09:43

އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރެވޭނީ އަންނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ފާތިމަތު އާފިޔާ އަލީ ވަނީ އެކަނިވެރި މައިންގެ އިނާޔަތާއި ޔަތީމު ކުދިންނަށް އަޅާލުމުގައި ސަރުކާރުގެ ސިޔާސަތު އޮތްގޮތާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އިނާޔަތް އިތުރުކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އިގްތިސޯދުގައި އިތުރަށް ރަނގަޅުކުރުމަށް ހުރި ކަންކަން ހުރުމުން، މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަނިވެރި މައިންގެ އިނާޔަތް އިތުރު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރުމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެ އިނާޔަތް ބޮޑުކުރައްވާނެ ކަމަށެވެ.

ޔަތީމު ކުދިންނަށްޓަކައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާއި ބެހޭގޮތުން އާފިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާވެފައިވާ އަޅާނުލެވޭ އެހެން ހުރިހާ ފަރާތްތަކަށްވެސް މީގެ ކުރިން ނުދެވޭވަރުގެ ސަމާލުކަމެއް ދީ، އަޅާލުމާއި އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އެކަންކަން ފުޅާކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް