އަމާޒަކީ މި އަހަރުގެ ތެރޭގައި އާ 20 ރިސޯޓު ހުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމެނިކުފާނި މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އާ 20 ރިސޯޓު ހުޅުވައި، 2,800 އަށްވުރެ ގިނަ އެނދު މިއަހަރުގެ ތެރޭގައި އިތުރުކުރެވިގެން ދިއުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުށްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންތަކާއި ފަޅުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައިހުރި ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައް ބަލައި، އެކަންކަމަށް ގެނެވޭނެ ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ.
އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމާ މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ސިޔާސަތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ތަންތަން ތަރައްޤީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމެންޓާއި އިންވެސްޓްމެންޓްތައް ރީސްޓްރަކްޗަރކޮށް އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއްވެސް އެކުލަވާލާ ތަންފީޒު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، އަތުޅުތަކުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް އައްސޭރި ޓޫރިޒަމް މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުމުގެ ގޮތުން، އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ޕްލޭނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް