ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް ހައްޖުވުމުގެ ފުރުސަތު ދޭނަން: ރައީސުލްޖުމްހޫރިއްޔާ

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް މި ދައުރުގައި ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖު...

05 Feb 2024 | 08:08

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް މި ދައުރުގައި ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރުގެ ތެރޭގައި 50 ފަޤީރުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސަރުކާރުގެ ޚަރަދުގައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް ވެސް އަލުން އުފައްދަވާފައިވާ ކަމަށެވެ.

ސަރުކާރު ހިންގުމާ ޙަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅިން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކޮށްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވޭތުކުރާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢިލްމާއި ފޮތްކިޔުމަށް އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއްވެސް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހިބަހާ އިސްލާމް ކިޔަވައިދިނުން މިއަހަރު ފުޅާކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް