މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދޭ ގޮތަށް ހަދަނީ

ދިވެހިރާއްޖޭގެ މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެއެވެ. ރައީސުލްޖުމްހޫރިއްޔާ އެފަދަ...

05 Feb 2024 | 05:14

ދިވެހިރާއްޖޭގެ މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރު ކުންފުނިތަކުން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން މި ސަރުކާރުން މިހާތަނަށް 329,953,143 ރުފިޔާ އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ދީފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބާކި ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދުވަހުން ދުވަހަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުން ކަމަށާއި، އެކަން ވަރަށް އަވަހަށް އިންތިޒާމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމަށް ދޭ އިސްކަމުގެ ތެރެއިން ކެބިނެޓުގައި އެޖެންޑާކޮށް އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ މިފްކޯއަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމުގެ ނިންމެވުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް މިހާރު ތަންފީޒުކޮށް ނިންމަވާފައިވާ ކަމަށާއި މަސްވެރިންގެ ދައުރު މިފްކޯ ހިންގުމުގައި ހިމަނުއްވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަންކުރެއްވުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ހޯދައިދޭ އިނާޔަތްތަކާއި އިގްތިސާދީ އަދި އިޖްތިމާއީ ފުރުސަތުތައް އިތުރުކުރުމަށް މަސްވެރިންގެ ދަފްތަރެއް މި އަހަރު އެކުލަވާލައްވާނެ ކަމަށެވެ. މީގެ އިތުރުން އެންވެރިކަމަށް ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކު މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި 50 މަސްވެރިން ތަމްރީނު ކުރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް