ޝަރުޢީ ދާއިރާ ހިންގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހިނގަމުން އަންނަނީ މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެއެވެ. ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މި ...

05 Feb 2024 | 05:11

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހިނގަމުން އަންނަނީ މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުހާތަބުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެ ދުވަހުން ފެށިގެން ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ދަންނަވާފައިވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ހިފަހައްޓާނީ އެ އުސޫލުން ކަމަށާއި ބަދަލު ހިފުމުގެ ރޫހު މި ސަރުކާރުން ނުގެންގުޅުއްވާނެ ކަމަށް ވީ ވައުދާ އެއްގޮތަށް އަމަލުކުރަމުން ގެންދަވާކަމަށެވެ.

"17 ނޮވެމްބަރު 2023 ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބުދިނުމަކީ މި ސަރުކާރުން ނުކުރާނެ ކަމެއް ކަމަށެވެ. އަދި ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި އެ ރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް އެމަނިކުފާނުގެ ބަހާއި އަމަލު ސީދާ ކުރައްވާނީ ޤާނޫނުގެ ވެރިކަން ކަށަވަރުކުރައްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަދުލުވެރިކަމާއި އިންސާފް ދައުލަތުގައި ޤާއިމްކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރާނަން. ހަމައެއާއެކު، ޝަރުޢީ ދާއިރާއިން އެއްވެސް ނުފޫޒެއް ނުފޯރުވާނަން."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ އެފަރާތަކާ މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް