ރާއްޖޭގެ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ވަރަށް ދިވެހި އަސްކަރިއްޔާގެ ސިފައިންގެ ގާބިލުކަން އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމުދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުހޫރިއްޔާ ވިދާޅުވީ އެއްގަމާއި، ވަޔާއި އަދި ކަނޑު މަގުންވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ޤާބިލްކަން ރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށާއި، އެކަން ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެގޮތުން 900,000 އަކަކިލޯމީޓަރުގެ ބޮޑު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ވަރަށް އަވަހަށް ޤާއިމްކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި މިހާތަނަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ވިދާޅުވަމުން އައީ އިންޑިއާ ސިފައިން ބޭރު ކުރައްވާނެ ކަމަށެވެ.
އެގޮތުން އިންޑިއާ ސަރުކާރާއެކު ހައިލެވެލް ކޯ ބައްދަލުވުންތަކެއް އަންނަނީ ބާއްވަމުންނެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުން މިދިޔަ ހުކުރު ދުވަހު ނިއުދިއްލީގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މެއި މަހުގެ 10 ގެ ކުރިން ހުރިހާ އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭލުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރުން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން އައި ދޯނިތަކަކަށްވެސް މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން އަރައި ވަނީ ބަލާފާސްކޮށްފައެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަރް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް