އުމުރުން 75 އަހަރާ ހަމައަށް ވަޒީފާ އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްރަށްވެހިންގެ ތަޖުރިބާއާއި ވިސްނުން ރާއްޖެއަށް ބޭނުންވާ ކަމަށާއި ޚިދުމަތުގައި މެދުކެނޑުމެއް ނެތި ދިގު ޒަމާނެއް ހޭދަކުރުމަށްފަހު އުމުރުން 65 އަހަރު ވުމުން ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔަރ ވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް ދަތި އުނދަގޫ ހާލަތެއް ކަމަށެވެ.
އެގޮތުން، އުމުރުން 65 އަހަރު ވީނަމަވެސް ޚިދުމަތުގައި ދެމި ތިބެން ބޭނުން ކޮންމެ ފަރާތަކަށް އެގްރިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ އުމުރުން 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ދަފްތަރެއް މި އަހަރު އެކުލަވާލާނެ ކަމަށެވެ. އަދި އިސްރަށްވެހިންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާއި އަތޮޅުތަކުގައި ޤާއިމްކުރުމަށް ކެބިނެޓުން ނިންމާ، އެ މަސައްކަތްވެސް ހަފްތާ 14ގެ ތެރޭގައި ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު މި މަހު މާލޭގައި ހުޅުވިގެންދާނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓާދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމްކުރުމަށްވެސް ކަނޑައަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރާ، ރައްޔިތުންނަށް ހޭހަންކުރާ އޯގާވެރި ސަރުކާރެއް ގާއިމްކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް