ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމައިފި

ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި އެމަ...

05 Feb 2024 | 04:54

ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ އަދި ދަރަނި އިތުރުވާން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމުން، ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވީ އިސްތިސްނާ ހާލަތެއް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރާނެ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުން މުހިންމު ކަމަށެވެ. އެކަމާ ބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހަޅާ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ކުންފުނިތައް ހަރުދަނާކުރުމާ ބެހޭ ހާއްސަ ސިޔާސަތެއް ފާސްކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަޤާމުތައް މަދުވާނެ ކަމަށް ވިދާޅުވެފައެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް ނަމަވެސް، މިދިޔަ މަސް ނިމުނު އިރު މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އެކަނިވެސް 150 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

މީގެ އިތުރުން، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 91 ބޭފުޅުން ތިބިއިރު، މިނިސްޓަރު ފެންވަރުގެ 42 ބޭފުޅުން އެބަތިއްބެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ވުރެ މަތީ މަޤާމުތަކުގައި 300 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް