އެމެރިކާއާއި އިނގިރޭސިވިލާތާއި ގުޅިގެން ހޫތީންނަށް އަމާޒުކޮށް އިތުރު ގިނަ ހަމަލާތަކެއް

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އުރުދުންގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލުމާއި ގުޅިގެން އެމެރިކާ އަދި އިނގިރޭސިވިލާތުން ހޫ...

05 Feb 2024 | 00:50

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އުރުދުންގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލުމާއި ގުޅިގެން އެމެރިކާ އަދި އިނގިރޭސިވިލާތުން ހޫތީންނަށް އަމާޒުކޮށް އަނެއްކާވެސް އިތުރު ހަމަލާތަކެއް ދީފިއެވެ.

އެގޮތުން މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ 36 ޓާގެޓަކަށް ވައިގެ ހަމަލާތަކެއް އެމެރިކާ އަދި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ދީފައެވެ.

މިއީ އުރުދުންގައި އެމެރިކާ ސިފައިން މަރާލި ހާދިސާގެ ރައްދުގައި ދިން މިފަދަ ބޮޑު ދެވަނަ ހަމަލާއެވެ.

އެމެރިކާއިން ބުނެފައިވާގޮތުގައި 13 ސަރަހައްދެއްގެ 36 ޓާގެޓަކަށް ހަމަލާދީފައިވާއިރު އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހޫތީން ހަތިޔާރާއި މިސައިލް ސިސްޓަމް ރައްކާކުރާ ގުދަން ފަދަ ތަންތަނަށެވެ. އެ ހަތިޔާރަކީ ރަތް ކަނޑުގެ ބޯޓުތަކަށް ހަމަލާދިނުމަށްވެސް ބޭނުންކުރާ ހަތިޔާރުތައް ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

މި ހަމަލާތަކުގެ ރައްދުގައި ހޫތީން ބުނެފައިވަނީ ހޫތީންވެސް ރައްދު ހަމަލާ ދޭނެ ކަމަށާއި ނަތީޖާ ހިތިވާނެ ކަމަށެވެ.

އިރާން، އިރާޤު އަދި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނާއި ދެކޮޅަށް އެމެރިކާއިން އިސްވެ އޮވެ އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ދެ ގައުމުން ހަމަލާތައް ދޭން ފަށާފައިވާއިރު މިއީ މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިދާނެކަމުގެ ނިޝާންތަކެއް ކަމުގައި މުރާސިލުން އަންނަނީ ދެކެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް