ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކަން ނިންމި ނިންމުން ބަދަލުކުރުމަށް އެމްއެންޕީން ގޮވާލައިފި

ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރެއްވުމަށް ދިވެހިސަރުކާރަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ. އެމްއެންޕީން މިކަމ...

05 Feb 2023 | 14:05

ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރެއްވުމަށް ދިވެހިސަރުކާރަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.

އެމްއެންޕީން މިކަމަށް ގޮވާލާފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މާލެއަކީ ރާއްޖޭގެ ސިނާޢީ ހަބް ކަމުގައިވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާޢީ ތަރައްޤީގެ ވަރަށް މުހިންމު ބައެކެވެ. އަދި މީގެ އިތުރުން، މާލޭގެ ސަރަޙައްދަކީ ބިމުގެ ގޮތުން ދަތި ސަރަޙައްދަކަށްވާއިރު، މާލޭގެ ސަރަޙައްދުން، ޚާއްޞަގޮތެއްގައި މާލޭގެ ސިނާޢީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަޙައްދަކުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން (99 އަހަރަށް ދިނުމަށް) ހުޅުވާލުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ޚާއްޞަގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި ކޮވިޑްގެ ގެއްލުން ތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުޞޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއްނޫނެވެ. އެއީ ދިވެހި އިޤްތިޞާދަށާއި އަދި ޢާއިލާތަކުގެ މާލީ ޙާލަތަށް ސީދާ ގެއްލުންވާނޭ ކަމެކެވެ." އެމްއެންޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށާއި މި ޕޯޓަލް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތައް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ ތިލަފުށިން ބިން ގަތުމަށް ބީލަން ހުށަހެޅޭނެ އެންމެދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށެވެ. އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. ނަމަވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ތިލަފުށިން ބިން ގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވާ ޕޯޓަލްގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް އަދި ގެޒެޓްގައި އާންމުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް