ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރަނީތަ!؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ކޮބައިކަމާއި އިންތިހާބުގެ ކެންޕޭން ދާނެގޮތާއި، ހޮވޭނީ ކާކުތޯ ކުރެވޭ ބަހުސްގެ ތެރެއަށް އާނަމެއް މިވަނީ އިތުރުވެފައެވެ. ސޯޝަލް މީޑިއާގައާއި ތުނ...

05 Feb 2023 | 08:30

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ކޮބައިކަމާއި އިންތިހާބުގެ ކެންޕޭން ދާނެގޮތާއި، ހޮވޭނީ ކާކުތޯ ކުރެވޭ ބަހުސްގެ ތެރެއަށް އާނަމެއް މިވަނީ އިތުރުވެފައެވެ. ސޯޝަލް މީޑިއާގައާއި ތުންތުންމަތިން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ނަން މި ލިސްޓަށް އިތުރުވެދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ޓުވިޓާގައި ފާރިސް ވެރިކަމަށް ކުރިމަތިލުމަށް އެދޭ ޒުވާނުން ހިންގާ އެކައުންޓަކުން ކަމަށް ބުނެ ކޮށްފައިވާ ޓުވީޓްތަކަށް އަންނަނީ ގިނަ ބައެއްގެ ސަމާލުކަން ހުޓެމުންނެވެ. އަދި މީގެ އިތުރުން ބައެއް އާއްމު ފަރާތްތަކުންވެސް ދަނީ މިކަމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

https://twitter.com/farisfp2023/status/1621021983067742208?s=46&t=wrdwkcERMN_Y_Bx1IVa8NQ

މިކަމާއި ގުޅޭގޮތުން ރަސްމީ ބަހެއް ހޯދާލުމަށް ގުޅާލުމުން އެމް.އާރް.އެމްގެ އިސް ބޭފުޅަކު ވިދާޅުވީ ޕާޓީއިން ވަކި ގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގައި އެމް.އާރް.އެމްއިން މަސައްކަތް ކުރާނެ ގޮތެއް ނިންމުމާއިމެދު އާއްމު މެންބަރުންގެ ހިޔާލާއި ޕާޓީގެ އެކި ގުނަވަންތަކުގައި މަޝްވަރާތައް ކުރެވެމުން ދާކަމަށެވެ. މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމް.އާރް.އެމްގެ ރައީސް ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމާމެދު އަދި ރަސްމީ ބަހެއް ނުލިބުނު ނަމަވެސް، ސަރުކާރުގެ ބައެއް ކަންކަމާއި މެދު އެމް.އެމް.އާރް.އެމް އިން ވަނީ އެކި ފަހަރުމަތިން ބަޔާންނެރެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://twitter.com/alexandernasru/status/1620114137190899713?s=46&t=wrdwkcERMN_Y_Bx1IVa8NQ

ފާރިސް މައުމޫން ކުރިން ވަނީ ރައްޔިންތުން މަޖިލީހުގެ ދިއްގަރު ދާއިރާ މެންބަރުކަން ކުރައްވާފައެވެ. މެންބަރެއްގެ ގޮތުގައި ހުންނަވާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދިޔަ ޤާނޫނާއި ޤަވާއިދާ ހިލާފު އަމަލުތަކާއި ދެކޮޅަށް ބައެއް މަޖިލިސް މެންބަރުންނާއި އެކު ނުކުމެ ގިނަ އިސްލާހީ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މަސީހު މަގާމުން ދުރުކުރަން އިސް ނަންގަވައި މެންބަރުންގެ ސޮއި ހަމަކުރައްވައި އެކަމުގައި ގެންގުޅުއްވި ލީޑަޝިޕަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

2017 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީންގެ ދައުރު ނިމުމާއި ހަމައަށް ސިޔާސީ ހައްޔަރެއްގައި ހުންނެވީ ޖަލުގައެވެ. ޖަލުގައި ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް ފާރިސް އަމިއްލަ ބޮޑުބޭބޭފުޅާއި ދެކޮޅަށް ނުކުމެ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ގިނަ ބައެއްގެ ތައުރީފުލިބުނެވެ. އަދި ފާރިސްއަކީ ޒުވާނުންނާއި ގުޅޭ ޒުވާނުންގެ މެދުގައި މަޤްބޫލު ލީޑަރެކެވެ.

ރިޔާސީ އިންތިހާބަށް ހަތްމަހަށް ވެފައިވާއިރު އިންތިހާބުގައި ވާދަކުރާނެކަން ކަށަވަރުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެކަންޏެވެ. އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީންއަށް ދީފައި ވީނަމަވެސް ރައީސް ޔާމީން ޖަލުގައި ހުންނެވުމުން ވާދަކުރެއްވޭނެކަން ކަށަވަރު ނުވެއެވެ. އޭގެ އިތުރުން އުމަރު ނަސީރު ގެންދަވަނީ އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާ ކޮންމެވެސް ވަރަކަށް ކެންޕޭން ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް