ކުލަގަދަ ރަސްމިއްޔާތަކާއި އެކު އޮލިމްޕަސް ހުޅުވައިފި

ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު ބޮޑެތި މަރާމާތުތަކަށް ފަހު އޮލިމްޕަސް ހުޅުވައިފި އެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި އޮލިމްޕަސް ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރޭ ރަސްމީކޮށް އޮލިމް...

05 Feb 2023 | 05:50

ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު ބޮޑެތި މަރާމާތުތަކަށް ފަހު އޮލިމްޕަސް ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އޮލިމްޕަސް ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރޭ ރަސްމީކޮށް އޮލިމްޕަސް ހުޅުވުމުގެ ރަސމިއްޔާތުގައި މިހާރު ދުނިޔެ ދޫކޮށްފައިވާ ފަންނާނުންގެ ހަނދާން އާކޮށްފައިވެ އެވެ. އަދި ލަވަކިޔުންތެރިންނާއި ފަންނާނުންގެ ހުށަހެޅުންތައް ދައްކާލި އެވެ.

އޮލިމްޕަސް މަރާމާތު ކުރަން އެތަން ބަންދު ކުރީ 2019 ވަނަ އަހަރު އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އެތަން ތަރައްގީ ކުރީ 80 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.

މި މަސައްކަތް ދިގުލައިގެން ދިޔައީ ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް މެދުކަނޑާލަން ޖެހުމުންނެވެ.

އޮލިމްޕަސް ސިނަމާ އަލުން ހުޅުވީ، ކުރިން އެ ތަނުގައި ބޭނުންކުރި މަލްޓި މީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއެކު އެވެ. ކުރީގެ 2.1 ސައުންޑްގެ ބަދަލުގައި މިހާރު ބޭނުންކުރާނީ ޑޮލްބީ 7.1 ސަރައުންޑް ސިސްޓަމެކެވެ. ސްޓެޖް ޑްރާމާތަކާއި މިއުޒިކް އަދި ނެށުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް، ސިނަމާގެ ސްޓޭޖްގައި ވަނީ ސައުންޑާއި ލައިޓިން ހަރުކޮށްފަ އެވެ.

ސިނަމާ ހޯލްގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއެކު މިއުޒިކް ޕްރެކްޓިސް ކުރާނެ ތިން ކޮޓަރި ނަށަން ދަސްކުރެވޭނެ ހާއްސަ ހޯލެއް ވެސް މިހާރު އެބަހުއްޓެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް