ބިލެއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ހަލީމްގެ ބައްޕަ ގ. ހިލްމަން، އަބްދުލްގުއްދޫސް އިބްރާހީމް އަވަހާރަވެއްޖެ އެވެ.
ގުއްދޫސް އަވަހާރަވީ އުމުރުން 82 އަހަރުފުޅުގައި އެވެ. އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.
މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ މިރޭ 10:30 ގައި އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާގެ މޫނު ދެއްކުން ކުރިޔަށް ގެންދާނީ މިއަދު އިރުއޮއްސި 6:30 އިން 8:30 އަށް އާސަހަރާގަ އެވެ.
ގުއްދޫސް އަކީ ދިވެހިރާއްޖޭގެ ޝިޕިން ސިނާއަތުގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެއްގެ އިތުރުން ގަލޮޅު އަވަށުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ގުއްދޫސް އަކީ ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާއާ ދޭތެރޭ ބޯޓު ދުއްވި ވިޔަފާރިވެރިއެކެވެ.
ގުއްދޫސް އަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ވިކްޓްރީ ސްޕޯޓްސް ކްލަބަށް 1980ގެ އަހަރުތަކުގައި ހަރަދުކުރެއްވުމުގެ އިތުރުން އޭނާ ވަނީ ވިކްޓްރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު ޓީމު މޯޓިވޭޓްކުރަން ގިނަ ހަރަކާތްތައް ބާއްވައިފަ އެވެ.
ގުއްދޫސްގެ ބޭފުޅުންގެ ތެރެއިން ދޮންބިލެތް ހަލީމަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. ގުއްދޫސްގެ އެހެން ބޭފުޅެއް ކަމަށްވާ މުހައްމަދު ހަލީމް (ގުއްދޫސް ކަޅޭ) ވެސް ވަނީ ވިކްޓްރީ އަށް ކުޅެފަ އެވެ.
ގުއްދޫސް އަވަހާރަވުމުން އެމްޑީޕީގެ އޮފީހުން ވަނީ ތައުޒިޔާ ކިޔާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް