ސިޔާސީ ޕާޓީތަކުގެ މުދަލާއި ފައިސާގެ ހިސާބުތައް ބަަލަހައްޓާ މިންވަރު ދެނެގަތުމަށް ޕާޓީ ތަކުގެ އާމްދަނީއާއި ހަރަދުތަކުގެ ލިޔެކިޔުންތައް ބެލުމާ ގުޅޭ އުސޫލެެެއް އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އަލަށް އެކުލަވާލެވުނު މި އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.
މި އުސޫލުގެ ދަށުން ޕާޓީ ތަކުން ފައިސާގެ ހިސާބުތައް ބަލަހައްޓާ މިންވަރު ދެނެގަތުމަށްޓަކައި ޕާޓީތަކުގެ އޮފީސްތަކަށް ކޮމިޝަންގެ މުވައްޒަފުން ހާޒިރުވެ ޕާޓީ ތަކަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުތަކާ ބެހޭ ލިޔުންތައް ބެލުމުގެ ބާރު ލިބިދީފައި ވެއެވެ.
އަދި އީސީ އިން ޕާޓީއެއްގެ އޮފީހަށް ދިއުމުގެ ކުރިން ތިން ދުވަހުގެ ނޯޓިސް ލިޔުމުން ދޭން ޖެހެއެވެ.
މީގެ އިތުރުން އުސޫލުގައިވާ ގޮތުން ސިޔާސީ ޕާޓީގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި މަދުވެގެން އަހަރަކު އެއް ފަހަރު ނުވަތަ އީސީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ޕާޓީތަކުގެ އެންމެހާ ލިޔުންތައް ވެސް ބެލުމުގެ ހުއްދަ ލިބިދީފައިވެއެވެ. އަދި ލިޔެކިޔުންތައް ބެލުމުގައި އަމަލުކުރާނެ ތަރުތީބަކީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީވެފައިވާ ތަރުތީބު ކަމަށްވެސް އީސީ އިން ހާމަކޮށްފައި ވެއެވެ.
މިގޮތުން މި އުސޫލުގެ ދަށުން ބަލާނެ ކަންކަމުގެ ތެރޭގައި، ސިޔާސީ ޕާޓީގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ، ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާ އުސޫލުންކަން ނުވަތަ ނޫންކަން ބަލާނެއެވެ.
ޕާޓީގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ޕާޓީގެ ފައިސާ ޖަމާކޮށް ބަލަހައްޓާކަން ނުވަތަ ނޫންކަން ބަލާނެއެވެ.
ޕާޓީގެ މުދަލާއި ތަކެތީގެ އިންވެންޓްރީއެއް ހަދައި ބަލަހައްޓާކަން ނުވަތަ ނޫންކަން ބެލުމާއެކު، ލިބޭ މުދަލާއި ފައިސާގެ ތަފުސީލުތައް ލިޔެ ބަލަހައްޓާކަން ނުވަތަ ނޫންކަން ބަލާނެއެވެ.
އޮޑިޓާ ޖެނެރަލް ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް، އަހަރަކު އެއް ފަހަރު ފައިސާގެ ހިސާބުތައް އޮޑިޓްކުރާކަން ނުވަތަ ނޫންކަން ބަލާނެއެވެ.
އޮޑިޓް ރިޕޯޓު، ގަވާއިދުން ކޮމިޝަނަށް ހުށަހަޅާކަން ނުވަތަ ނޫންކަން އަދި ޕާޓީއަށް އެހީ ދޭ ފަރާތްތަކުގެ މައުލޫމާތު ލިޔެ ބަލަހައްޓާކަން ނުވަތަ ނޫންކަން ބަލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް