ރާއްޖޭގެ ތަރިކައާއި ސަގާފަތް ކުރިއަރާނީ ފަތުރުވެރިންނަށް އެކަންކަން ކިޔައިދީގެން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ޑރ މައުސޫމް ވިދާޅުވީ، ސަވާދީއްތަ ދަތުރަކީ އަދި އެހާ މަޝްހޫރު ހަރަކާތަކަށް ނުވިނަމަވެސް ކުރިޔަށް އޮތް އަހަރުތަކުގައި މި ހަރަކާތަކީ ދުނިޔޭގެ އެކިއެކި ކަންކޮޅުަތަކުން ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ބައިވެރިވާން ބޭނުންވާ މަޝްހޫރު ހަރަކާތަކަށް ވެގެންދާނެކަމުގެ އުންމީދުކުރައްވާކަމަށެވެ.
"މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި މީހުން ދިިރިއުޅޭ ރަށްތަކުގެ މާހައުލާއި، އާދަކާތަތަކާއި ސަގާފަތުގެ އިތުރުން މީހުން ދިރިއުޅޭގޮތް ވަރަށް ރަނަގަޅަށް ފަތުރުވެރިންނަށް ދައްކުވައިދޭނެ. ރާއްޖޭގެ ތަރިކައާއި ސަގާފަތް ކުރިއަރާނީ ފަތުރުވެރިންނަށް އެކަންކަން ކިޔައިދީގެން." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ފަރާތުން ބާއްވާ މި ހަރަކާތުގައި 12 ޔޮޓެއް ވަނީ ބައިވެރިވެފައެވެ. މި ރެލީގައި ރާއްޖޭގެ މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި 6 ތަނަކަށް މަޑުކުރާއިރު، ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ސަވާދީއްތަ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރައްތަކަކީ ހއ. އުތީމު، އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ފަރުކޮޅު، ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް