ނިލަންދޫ ސްޕޯރޓްސް ކްލަބުން އިސްނަގައިގެން ނިލަންދޫގެ އިޖުތިމާޢީ ސަރަޙައްދުތައް ދިއްލާ އަލިކުރުމަށް އިޢާދަކުރުވަނި ހަކަތަ ބޭނުންކޮށްގެން ދިއްލާ ލެޑްލައިޓްތަކެއް ނިލަންދޫ ކައުންސިލަށް ހަދިޔާ ކޮށްފިއެވެ.
މިކަމަށްޓަކައި ނިލަންދޫ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ނިލަންދޫ ކައުންސިލަށް ލައިޓްތައް ހަދިޔާ ކޮށްދެއްވީ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީ އާއި ނައިބް ރައީސް އިސްމާޢީލް ޢަލީ އަދި ޖެނެރަލް ސެކްރެޓަރީ އަޙުމަދު ނާޘިމް އެވެ. ނިލަންދޫ ކައުންސިލުން މިލައިޓްތަކާއި ޙަވާލުވީ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދުއެވެ.
މިއީ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ދިއްލުމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އެއްވަނަ ފިޔަވަހީގެ ތެރެއިން ހަދިޔާ ކުރެވުނު ލައިޓް ތަކެކެވެ. މިފިޔަވަހީގައި ހަދިޔާ ކުރެވިފައި މިވަނީ 120 ވޯލްޓްގެ ސޯލާ ގާރޑަން ލައިޓްގެ 30 ލައިޓެވެ.
މިބައްދަލުވުމުގައި ނިލަންދޫ ސްޕޯރޓްސްކްލަބުގެ ރައީސް އަންވަރު ޢަލީ ދެއްކެވި ވާހަކައިގައި ކައުންސިލްގެ މިދައުރުގައި ރަށުގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކްލަބް ޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަން ކައުންސިލުން ހޯދަމުންދާތީ މިއީ ރަށުގައި އުފެދިފައިވާ ކްލަބް ޖަމިއްޔާ ޖަމާޢަތްތަކާއި ކައުންސިލާއި ދެމެދު އޮންނަ ގުޅުން ވަރަށްބޮޑަށް ބަދަހިވެގެންދާ ކަމެއްކަމަށް ފާހަގަކޮށް މިކަމަށްޓަކައި ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.
ކުރިމަގުގައި ވެސް މިފަދަ ކަންކަން ދެފަރާތް ގުޅިގެން ކުރެވޭނަމަ ހީވެސް ނުކުރާހާ ބޮޑެތި ކުރިއެރުންތަކެއް ރަށަށް ލިބިގެންދާނެ ކަމަށާއި ކްލަބް ޖަމިއްޔާ ޖަމާޢަތްތަކަކީ ހަމައެކަނި ކުޅިވަރުކުޅޭ ބައެއް ނޫންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރަށުގައި ހިންގާ މިފަދަ އިޖްތިމާޢީ ކަންކަމުގައިވެސް ބައިވެރިވާންޖެހޭކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
އަންވަރުގެ އިތުރުން ނައިބްރައީސް އިސްމާޢީލް ޢަލީ ފާހަގަ ކުރެއްވި ގޮތުގައި ކައުންސިލުން މިފަދަ ކަންކަމަށް އެދުމަކީ ވެސް ކްލަބަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި މިފަދަ ކޮންމެ ކަމެއްގައިވެސް ވީވަރަކުން ކްލަބުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިމަގުގައި މިފަދަ ކަންކަމުގައި މިހާރަށްވުރެ ރޭވުންތެރިކަމާއެކު ދުރާލާ އެދުމުން ކްލަބަށްވެސް އެކަންކަން ޙާޞިލުކޮށްދިނުމަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދު ފާހަގަކުރެއްވި ގޮތުގައި ނިލަންދޫ ސްޕޯރޓްސް ކްލަބަކީ ޢުމުރުން ކިތަންމެ ހަގު ކްލަބެއްނަމަވެސް ނިލަންދޫ އަށް ގިނަގުނަ އެހީތަކެއް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފޯރުކޮށްދެމުން އަންނަ ކްލަބެއްކަން ފާހަގަ ކުރެއްވިއެެވެ. ޚާއްޞަކޮށް ރަށުގެ އިޖްތިމާޢީ ކަންކަމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ކްލަބްގެ ރައީސަށާއި އިސްސަފުގައި މަސައްކަތް ކުރައްވާ އެންމެހާ މެމްބަރުންނަށް ކައުންސިލް ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިޖުތިމާޢީ ކަންކަމުގެ އިތުރުން ކްލަބްގެ އަޞްލު މަޤްޞަދުކަމުގައިވާ ކުޅިވަރުގައި ވެސް ދެފަރާތްތަ ގުޅިގެން ރަށަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށްވެސް އެދި ވަޑައިގެންނެވިއެވެ.
މިހާރުވެސް ކައުންސިލާއި ނިލަންދޫ ސްޕޯރޓްސް ކްލަބު ގުޅިގެން ޤައުމީ ފެންވަރުގެ ތިން މުބާރާތަކަށް ރަށުގެ ޓީމުތައް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން މާރޗް މަހު ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަނުން ތާވަލުކޮށްފައިވާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއެކު ނިލަންދޫ ތަމްސީލު ކުރުމަށް އަންހެން އަދި ފިރިހެން ވޮލީޓީމެއް ނިލަންދޫ ސްޕޯރޓްސް ކްލަބުގެ ނަމުގައި ނެރުމަށް ތައްޔާރުވަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި ފުޓްބޯލް އެސޯސިއޭޝަނުން މާރޗް މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ޒޯން ލީގު، ދިވެހި ޕްރެމިއަރ ލީގު ކޮލިފިކޭޝަން 2023/2024 މިމުބާރާތުގައިވެސް ވާދަކުރުމަށް ތައްޔާރުވަމުންދާ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ފުޓްބޯޅަ ޓީމަށް ކައުންސިލަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވެސް ކައުންސިލްގެ ރައީސް ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް