ޚިޔާލު ތަފާތުވުންތަކަށް ޖާގަ ދީ، ސުލްހަ މަސަލަސްކަމަށް ފުރުސަތެއް ދިނުމަށް އައިއޯސީގެ ރައީސް ތޯމަސް ބަޗް އެދިވަޑައިގެންފިއެވެ.
އޭނާ މިކަމަށް އެދިވަދައިގެންނެވީ ވިންޓަރ އޮލިމްޕިކްސްގެ 24 ވަނަ އެޑިޝަން ޗައިނާގެ ބެއިޖިންގ ގައި ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
"އޮލިމްޕިކްސްގެ ބޭނުމަކީ ތަފާތުކުރުންތައް ނައްތާލައި، ޑައިވަސިފިކޭޝަނަށް ފުރުސަތު ހުޅުވާލުން." ތޯމަސް ބަޗް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ޚިޔާލު ތަފާތުވުންތަކަށް ޖާގަ ދީ، ސުލްހަ މަސަލަސްކަމަށް ފުރުސަތެއް ދިނުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައްވާފައެވެ.
މިއަހަރުގެ ވިންޓަރ އޮލިމްޕިކްސް ގައި 91 ގައުމަކުން 3000 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، މި އިވެންޓް ޗައިނާގައި ބާއްވާތީ އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އަށް ވަނީ ވަރަށްގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެފަރާތްތަކުން ބުނަމުން ދަނީ ޗައިނާގައި ވިންޓަރ އޮލިމްޕިކްސް ބާއްވަން ފުރުސަތު ދީފައިވަނީ އެގައުމުގައި ހިންގާ ލާއިންސާނީ އެތައް ކަމެއް ފޮރުވަން ކަމަށެވެ.
ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ވަރަށް ބޮޑަށް ފިނި މޫސުމާ ގުޅުވާލާފައެވެ. ދަންމަރު ރޯކުރީ ސްނޯ ފްލޭކެއްގެ މަންޒަރު ސިފަވާ ގޮތަށް ހުރި ކަލްޑްރޯންއެއްގައެވެ. ސްނޯ ފްލޭކުން ރަމްޒުކޮށްދީފައި ވަނީ ބައިވެރިވާ 91 ގައުމެވެ. އެ ގައުމުތަކުގެ ރަމްޒު ސްނޯ ފްލޭކުން ދައްކާލިއެވެ.
ވިންޓަރ އޮލިމްޕިކްސްގެ ހުޅުވުން ބާއްވާފައިވަނީ 2008 ވަނަ އަހަރު އެގައުމުގެ ބޭއްވި ހޫނު މޫސުމުގެ އޮލިމްޕިކްސް ހުޅުވި ބާޑްސް ނެސްޓް ސްޓޭޑިއަމްގައެވެ.
ޗައިނާގެ ބެއިޖިންގ އަކީ ހޫނު މޫސުމުގެ އޮލިމްޕިކްސް އާއި ފިނި މޫސުމުގެ އޮލިމްޕިކްސް ބާއްވަން ފުރުސަތު ލިބުނު ފުރަތަމަ ސިޓީއެވެ.
ޗައިނާއިން ޑައިވަސިފިކޭޝަނަށް ބޮޑު ސަމާލުކަމެއް ދިނުމުގެ ގޮތުން އެގައުމުގެ ދިދަ ނެންގުވީ އެގައުމަށް ނިސްބަތްވާ 56 ދަރިކޮޅުގެ މީހުން ހިމެނޭ ޓީމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް