މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ "ސަވާދީއްތަ ދަތުރު" މިއަދު ހއ. ހޯރަފުށިން ފަށައިފިއެވެ.
މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްދާ ހަރަކާތެކެވެ.
މި ދަތުރު ފަށާފައިވަނީ މިކަމަށްޓަކައި ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުއެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހުށަހެޅުންތައް ހުށަހަޅައިދީފައި ވެއެވެ.
މި ދަތުރުގައި ޔޮޓުތައް ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާ ހިމެނެއެވެ.
ތިން ހަފްތާއަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާރގެ ބައިވެރިން ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ.
އޭގެތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ވެސް ހިމެނެއެވެ.
ސަވާދީއްތަ ދަތުރުގެ ބައިވެރިން ދާ ރަށްރަށާއި ތަންތަނުގެ ތެރޭގައި ހއ. އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު އަދި ބާރަށް ހިމެނެއެވެ.
ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި އަދި ކޭލަކުނަށް ދާ އިރު، ށ. އަތޮޅުން ދާނީ ފުނަދޫ އަދި ނަލަންދޫއަށެވެ. މީގެ އިތުރުން މި ބައިވެރިން ނ. ލަންދޫ އާއި ބ. ތުޅާދޫ އަދި ހަނިފަރު ބޭއާއި ބިލެއްދޫ ތިލަ އަށް ވެސް ދިއުމަށް ވަނީ ނިންމާފައެވެ.
މި ގޮތުން މި ދަތުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ ބ.އަތޮޅުންނެވެ.
މި ޓުއާރގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި މުއްސަނދި ތާރީޚާއި ޔޮޓް ޓޫރިޒަމް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މި ސަރަހައްދުތައް ހަރުދަނާ ކުރުމުގެ ފައިދާ ނެގުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް