100 ފޫޓޫގެ ވަޅަކަށް މޮރޮކޯގެ ފަސް އަހަރުގެ ކުއްޖަކު ވެއްޓި ތާށިވެފައި

100 ފޫޓުގެ ވަޅަކަށް މޮރޮކޯގެ 5 އަހަރުގެ ކުޑަކުއްޖަކު ވެއްޓިތާށިވެގެން، އެ ޤައުމުގެ ރެސްކިއު ޓީމުން އެ ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ފަސް ދުވަސްވެއްޖެއެވެ. ބައިނަލްއަޤްވާމީ ނޫސްތ...

05 Feb 2022 | 06:48

100 ފޫޓުގެ ވަޅަކަށް މޮރޮކޯގެ 5 އަހަރުގެ ކުޑަކުއްޖަކު ވެއްޓިތާށިވެގެން، އެ ޤައުމުގެ ރެސްކިއު ޓީމުން އެ ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ފަސް ދުވަސްވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނޫސްތަކުން ބުނާގޮތުގައި ރަޔާން ނަމަކަށް ކިޔާ އެ ކުއްޖާ ވަޅުތެރެއަށް ވެއްޓިފައި ވަނީ އަންގާރަދުވަހުގެ ހަވީރުއެވެ.

އަދި ރެސްކިއު ޓީމުން ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ވަލެއް ބޭނުންކޮށްގެން ކުއްޖާއަށް އޮކްސިޖަނާއި ފެން ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެކުއްޖާ މޮނީޓާ ކުރުމަށްޓަކައި ސީސީޓީވީ ކެމެރާއެއް ވަސް ވަނީ އެ ވަޅުގެ ތެރެއަށް ފޮނުވާފައެވެ.

ހުކުރު ދުވަހު ކަމާބެހޭ ފަރާތްތަކުން ބުނީ އެމީހުން ތިބީ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެ ކުއްޖާ ރައްކާތެރިކަމާއެކު ނެގުމަށް ތިން މީޓަރުގެ ޓަނަލެއް ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރަޔާން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރާތާ ތިން ދުވަސް ވެއްްޖެކަަމަށާއި ވަރުބަލިކަން އިހުސާސް ކުރެވޭ ކަމަށެވެ. ނަމަވެސް މުޅި ރެސްކިއު ޓީމު އޮތީ ރަޔާން ސަލާމަތް ކުރުމަށްޓަކައި އަތުކުރި އޮޅާލާފައި ކަމަށް އޮޕަރޭޝަންގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުއްސަލާމް މަކޫދީ ވިދާޅުވި އެވެ.

މީގެ އިތުރުން ރެސްކިއު ޓީމުން ބުނީ ރަޔާން ދިރިހުރިކަމުގެ އުންމީދު އެބައޮތްކަމަށާއި އެ ކުއްޖާ އެންމެ ކައިރީގައި ހުރި މެޑިކަލް ޔުނިޓަށް ގެންދިޔުމަށް ރޯޔަލް އާމްޑް ފޯސަސްގެ ހެލިކޮޕްޓަރެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ރެސްކިއު ވޯކަރެއް ކަމަށްވާ އިމާދު ފަހްމީ އެ ސަރަހައްދުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އޭނާ ރަޔާން ވެއްޓުނު ވަޅުގެ 25 މީޓަރު އަޑިއަށް ދިޔަ ނަމަވެސް އިތުރަށް އަޑިއަށް ނުފޭބުނު ކަަމަށެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މޮރޮކޯގެ އެތައް ހާސް ބަޔަކު ދަނީ އެކުއްޖާއަށް ހަމްދަރުދީ ފާޅުކޮށް ހެޔޮ ދުއާ ކުރަމުންނެވެ.

އަންގާރަ ދުވަހުގެ ހަވީރުގެ ހާދިސާތަކުގެ ހަނދާންތައް އާކުރަމުން ރަޔާންގެ މަންމަ އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރަޔާން ގެއްލުނު ފަހުން އޭނާ ހޯދުމަށްޓަކައި ހުރިހާ ތަނެއް ވެސް ބަލާފައިވާ ކަމަށެވެ. އަދި ރަޔާން ނުފެނުމުން އޭނާ ވާނީ ގޭކައިރީގައި ހުރި ވަޅަށް ވެއްޓިފައި ކަމުގައި އޭނާއަށް އެނގުނު ކަމަށެވެ.

މީގެ އިތުރުން ރަޔާންގެ ބައްޕަ އަލް އަރަބިއްޔާ އަށް ކިޔައިދިން ގޮތުގައި ސަވައިލެންސް ކެމެރާތަކުން އޭނާ އަށް ރަޔާން އެންމެ ފަހުން ފެނުނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

އެ ކުއްޖާ ސަލާމަތް ކުރަން ރެސްކިއުޓީމުން މަސައްކަތް ކުރަމުން އަންނަ އިރު ރަޔާން ސަލާމަތް ކުރާ މަންޒަރު ބަލަން އެ ސަރަހައްދައް އެތައްހާސްބަޔަކު އަންނަނީ ޖަމާވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް