ދެރަވެ، ހިތްދަތި ވުމަކީ އެއްވެސް މީހަކު ލޯބިކުރާނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ބައެއް ފަހަރު ހާލަތު ދިމާކުރާ ގޮތުން ހިތްދަތިވެ، ދެރަވެ ހިތާމަކުރަން ޖެހޭ ފަހަރުވެސް ދިރިއުޅުމުގައި މެދުވެރިވެއެވެ. ތިމާ ލޯބިވާ މީހަކު ތިމާ ދޫކޮށް ދިއުމުން ނުވަތަ މީހަކު ތިބާއަށް ދެރަބަހެއް ބުނުން ނުވަތަ ތިމާ ބޭނުން ކަމެއް ހާސިލް ބުނުވުން ފަދަ ކަންކަމަކީ އިންސާނާއަށް އެކަމުން ހިތްދަތިކަމާއި ދެރަވުމާއި ހިތާމަތައް ކުރިމަތި ކުރުވާ ބައެއް ސަބަބުތަކެވެ.
ހިތްދަތިވެ، ދެރަ އިހުސާސްވެ ހިތާމަކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަކަން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކަށް ނޭންގެއެވެ. އެކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް ގިނަ ފަހަރު ސިއްޚީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ސިއްޚީ މާހިރުންގެ ދީރާސާތަކުން ދައްކައެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މައްސަލަތަކާއި ކުރިމަތިވެ، ޑިޕްރެސް ވުމާއި ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށްވެއެވެ.
ހިތްދަތިވެ، ދެރަވެ، ހިތާމައިގައި މާ ގިނަ ވަގުތު ބުވަތަ ގިނަ ދުވަސްތަކެއް ހޭދަވާނަމަ އެކަމުން ލިބޭ ގެއްލުންތައް އެތައް ގުނައަކަށް އިތުރުވާ ކަމަށާއި އެގޮތުން ދާއިމީ ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަމަށް ދިއުން ގާތްކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ދެރަވުމާއި ހިތާމަކުރުމަކީ އިންސާނީ ޡަބީޢަތުގައި ހުންނަ ކަމެއް ނަމަވެސް އެކަން ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރެވިދާނެ ކަމަށާއި މިވަފަދަ ވަގުތުތަކުގައި ކެތްތެރިކަން އިސްކޮށް އެފަދަ ހަނދާންތަކާއި ދުރުވުމަށް މަސައްކަތް ކުރުމަކީ އެކަނުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތެއްކަމަށް މި ހޯދުމުގައި ބުނެފައިވެއެވެ. އަދި މާ ގިނަ ދުވަހު ދެރަވެ ހިތާމައިގައި އުޅެން ޖެހިއްޖެ ނަމަ ނަފާސާނީ ޑޮކްޓަރެއްގެ އެހީ ހޯދުމަށް އަވަސްވެގަތުމަށް ވެސް އެފަރާތުން ލަފާދެއެވެ.
މީގެ އިތުރުން މާ ބޮޑަށް ހިތްދަތިވެ ހިތާމަކުރާ ނަމަ އިންސާނާގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް އެކަމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ ކާޑިއޯމަޔޯޕަތީ ނުވަތަ "ބްރޯކަން ހާޓް ސިންޑްރޯމް" ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. މި ބަލި ޖެހުމަކީ ނުރައްކާތެރި ހާލަތަކަށް މީހާ ވައްޓާލާނެ ކަމެއް ކަމަށާއި މި ބަލި ޖެހުމަކީ މީހާގެ އިމިއުން ސިސްޓަމް ބަލިކަށިވެ، ނާރުތަކުގެ ނިޒާމަށް ބަދަލު އައިސް ފިޓް ޖެހުން ފަދަ ކަންކަން މެދުވެރިވާން ދިމާވާ ސަބަބެއް ކަމަށް ސިއްޚީ މާހިރުންގެ މި ހޯދުންތަކުގައި ބުނެފައިވެއެވެ.
އަދި މީގެ އިތުރުން ކާޑިއޯމަޔޯޕަތީ ނުވަތަ "ބްރޯކަން ހާޓް ސިންޑްރޯމް" ގެ އަލާމާތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވެ، ލޭގައި ހަކުރު ގެ މިންވަރު މަތިވުމާއި ހިތުގެ ވިންދު އަވަސްވެ، ބޭނުންވާ މިންވަރަށް ލޭ ދައުރު ކުރުމަށް ހުރަސްއެޅޭ ކަމަށް ވެއެވެ. އެހެން ކަމުން މިފަދަ ބަލިމަޑުކަމަށް ދިއުމުގެ ކުރިން ވަރަށް ބޮޑަށް މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް