ރާއްޖެ އަކީ ވިޔަފާރިއަށް ފަހި ގައުމުތަކުގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ފަށައިފި

ރާއްޖެއަކީ ވިޔަފާރިއަށް ފަހި 50 ގައުމުގެ ތެރޭގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ރަސްމީކޮށް ފަށައިފި އެވެ. ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އ...

05 Feb 2017 | 07:57

ރާއްޖެއަކީ ވިޔަފާރިއަށް ފަހި 50 ގައުމުގެ ތެރޭގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ރަސްމީކޮށް ފަށައިފި އެވެ.

ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި މި އަހަރު ރާއްޖެ ވަނީ ފަހަތަށް ގޮސްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ނެރުނު މި އަހަރުގެ އަދަދުގައި ރާއްޖެ އަށް ލިބިފައި ވަނީ 135 ވަނަ އެވެ. އެއީ މިދިޔަ އަހަރު ލިބުނު 129 ވަނަ އަށް ވުރެ ހަ ދަރަޖައިގެ ދަށްވުމެކެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި މިއަދު ސަރުކާރުން އެކުލަވާލާފައިވާ ނެޝަނަލް ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީ އިން ވަނީ ރާއްޖޭގެ ލޯފާމްތަކާ ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފަ އެވެ. މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ  ސަރުކާރުން ބޭނުންވަނީ ވިޔަފާރި ކުރަން ހުރި ދަތިތައް ހައްލުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ހެދުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވާ ދަރަޖައަށް ބަލައި ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް ރޭންކިން ރަނގަޅުކުރުމަށާއި ވޯލްޑް ބޭންކުން ހަދާފައިވާ ރިފޯމް މެމޮރެންޑަމްގައި ރަނގަޅުކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް އަމަލީ ސިފައެއް ގެނެސް، އެކަންކަން ކުރުމަށް ޓަކައި ސަރުކާރުގެ މުހިންމު ވުޒާރާތަކާއި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ހާއްސަކޮށް މި އަހަރުގެ ޝިއާރު ކަމުގައިވާ "އިގްތިސާދީ ފުދުންތެރިކަން – އިޖުތިމާއީ ހަމަޖެހުން" މި ޝިއާރާ ގުޅުވައިގެން އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ޓަކައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިދަނީ މަސައްކަތް ކުރަމުން. މިއަހަރު ސަރުކާރުން އެބަ ބޭނުންވޭ ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް ރޭންކިންގައި ރާއްޖޭގެ ރޭންކިން މަތިކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައިވާ ގޮތާއި ގުޅޭގޮތުން ސައީދު ވިދާޅުވީ މި އިންޑެކްސްގައި ހިމަނާ ބައެއް ކަންކަމަކީ ރާއްޖޭގެ ހާލަތު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެ ގޮތުން ކަރަންޓުލުމަށް ފަސޭހަ މިންވަރު ބަަލާއިރު، ރާއްޖޭގެ ރިސޯޓުތަކަށް ކަރަންޓް ލަނީ މުޅިން ވަކިން، އަމިއްލަ އަށް ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް