ބީއެމްއެލްއިން ކެންސަރު ސޮސައިޓީއަށް 30،000 ރުފިޔާ ދީފި

ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އަށް 30،000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ. މި އެހީ ...

05 Feb 2017 | 04:14

ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އަށް 30،000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ.

މި އެހީ އެ ސޮސައިޓީ އާއި ހަވާލުކޮށްފައި ވަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ  ކުރުމަށް ކެންސަރު ސޮސައިޓީ އާއި ކުޅިވަރު ޖަމިއްޔާތަކާއި ގުޅިގެން އިއްޔެ ހަވީރު ބޭއްވި ފެސްޓިވަލްގައި އެވެ.

އިއްޔެ ބޭއްވި ކުޅިވަރު ފެސްޓިވަލް އިންތިޒާމްކޮށްފައިވަނީ އެ އެސޯސިއޭޝަނެއް ސްޕޮންސާ ކޮށްފައިވާ ކުންފުނީގެ އެހީތެރި ކަމާއި އެކު އެވެ. ބީއެމްއެލް އަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ މެއިން ސްޕޮންސާ އެވެ.

އިއްޔެގެ ފެސްޓީވަލްގައި އެ ބޭންކުން ވަނީ ބައިވެރިން ޖެހި ކޮންމެ ޓީޓީ ބޯޅައެއްގެ އަދަދަށް ކެންސަރު ސޮސައިޓީ އަށް ފައިސާގެ އެހީ ފޯރުކޮށް ދީފަ އެވެ. އެ ގޮތުން، ބީއެމްއެލް އިން ހަދިޔާކުރި 30،000 ރުފިޔާގެ ފައިސާގެ އެހީ ބޭނުންކުރަން ހަމަޖެހިފައި ވަނީ ކެންސަރު ސޮސައިޓީން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް، ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދާ އެކު ޓޭބަލް ޓެނިސް މެޗެއް ކުޅުއްވުމަށް ފަހު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއީ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަމާއި ދުޅަހެޔޮ ދިރިއުޅުމެއް ބައްޓަން ކުރަން އާއްމުން ހޭލުންތެރި ކުރެވިދާނެ ވަރަށް ރަނގަޅު ގޮތެއް ކަމަށެވެ. އަދި، އެ ހަރަކާތުގައި ބައިވެރިވެ، އެހީ ފޯރުކޮށް ދެވުމަކީ ބީއެމްއެލް އަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދަނީ 'އަހަރެންގެ ބޭންކް' ކެމްޕޭންގެ ތެރޭން، މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކުރަމުން. އަދި ހާއްސަކޮށް، މި ފަދަ މުހިއްމު ދާއިރާއަކަށް އެހީ ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން މިދިޔަ ހަފުތާގައި ފެށި "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް