ގިނަ ވަގުތު އެއާކޮންޑިޝަން ކޮށްފައި ހުންނަ ތަންތަނުގައި އުޅުމުން ހަށިގަނޑަށް ނުރައްކާތެރި ބަލި ޖެހި، މުހިންމު ގުނަވަންތަކަކަށް ގެއްލުން ލިބެ އެވެ.
ޓެމްޕޯ ޑޮޓް ކޮމް އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ގިނަ ވަގުތު އޭސީކޮށްފަ ހުންނަ ކޮޓަރިތަކުގައި އުޅުމުން އެންމެ ގިނައިން ޖެހޭނީ ފުއްޕާމޭގެ ބަލިތަކާއި ހަންގަނޑާއި ލޮލުގެ ބަލިތައް އަދި އެލާޖީއާއި ފާޑުގެ ކުދި ބަލިތަކެވެ. މީގެ ތެރެއިން އެންމެ އަވަހަށް މައްސަލަ ޖެހެންފަށާނީ ފުއްޕާމޭގައި ކަމަށް ބުނެފައިވެ އެވެ.
އޭސީގެ ޓެމްޕަރޭޗާ ކިތަންމެ ދަށްކޮށް ހުއްޓަސް ނޭވާ ލާއިރު އުނދަގޫ އިހުސާސް ކުރެ އެވެ. އޭގެ ސަބަބުން ނޭވާލާ ނިޒާމުގައި މައްސަލަޖެހި ފުއްޕާމޭގެ ބަލިތައް ޖެހެން ފަށައެވެ. ގިނަ ވަގުތު އޭސީ ތެރޭގައި ހޭދަކުރުމުން ހަންގަނޑު ހިކޭގޮތް ވެ އެވެ. އޭގެ ސަބަބުން ހަންގަނޑުގައި ހުންނަ ގުދުރަތީ ތެތް ކަމަށާއި އޮމާންކަމާއި ރީތިކަން ގެއްލިގެންދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ހަންގަނޑަށް ޖެހޭ އިތުރު ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.
އެލާޖިކު ވުމަށް މަގުފަހިވާ ގިނަ ކަންކަން އޭސިގެ ސަބަބުން ދިމާވެ އެވެ. އޭގެން ނުކުންނަ ހިރަފުހުގެ ސަބަބުން އެލާޖިކް ވުމާއި އެސްމާ ޖެހުމަށް މަގުފަހިވާނެ އެވެ. އިންޓަނޭޝަނަލް ޖާނަލް އޮފް ކްލިނިކަލް އެންޑް އެކްސްޕެރިމެންޓަލް މެޑިސިން އިން ކުރި ދިރާސާއެއްގައި ހާމަކޮށްފައިވާގޮތުގައި އޭސީ ނިވާލާފައި ހުއްޓަސް އާންމުކޮށް އޭސީ ޖައްސާފައި ހުންނަ ތަނެއްގައި އާދަޔާ ހިލާފަށް ހިރަފުސް ހުންނާނެ އެވެ.
އާންމުކޮށް އޭސީ ޖައްސައިގެން އުޅޭނަމަ ފަސޭހައިން ކުދި ކުދި ރޯގާ ތައް ޖެހޭ މީހުންނަށް އެފަދަ ބަލިތައް ޖެހުން މާ ކައިރިވެފަ ފަސޭހަ ވާނެ އެވެ. ލޮލަށް ޖެހޭ ބެލިތަކުގެ ތެރޭގައި ހިމެނޭ ލޯ ފިޔާތޮށިވުމަށް އޭސީ ތެރޭގައި އުޅުމުން ވަރަށް ފަސޭހަވެގެން ދެ އެވެ. އޭގެ ސަބަބުން ލޮލުގެ ކަޅި އާއި ލޮލަށް ޖެހޭ އެހެން ބަލިތައް ޖެހުން އަވަސްވާނެ އެވެ.
ި ދިރާސާ ކުރި ފަރާތުން ލަފާ ދީފައިވަނީ އޭސީ ތަންތަނުގައި ހޭދަ ކުރާ ވަރަށް ވުރެ ގިނަ ވަގުތު ސާފު ވައި ލިބޭ ތަންތަނުގައި ހޭދަ ކުރުމުން ފަސޭހައިގެން ޖެހޭ މިފަދަ ބަލިތަކުން ރައްކާތެރިވާން ކުރީގައި ފިޔަވަޅު އެޅޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް