ނިމިދިޔަ 2014 ވަނަ އަހަރު ޖީސީއީ އޯލެވެލް ހަދާފައިވަނީ ހަދަންޖެހޭ އަދަދަށްވުރެ 1907 ދަރިވަރުން މަދުން ކަމަށާއި އެ ދަރިވަރުންނާމެދު ކަންވީގޮތެއް ސާފުކޮށްދީ އެކަމަށް ޖަވާބުދާރީ ވުމަށް ކަމާބެހޭ ފަރާތްތަކަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2014 ވަނަ އަހަރު ސްކޫލްތަކުން ޖީ.ސީ.އީ އޯޑިނަރީ ލެވެލް އިމްތިހާނު ހަދާފައި ވަނީ އެ އިމްތިހާނު ހަދަންޖެހޭ ދަރިވަރުންނަށް ވުރެން މާ ބޮޑު ތަން މަދު އަދަދެއްގެ ދަރިވަރުން ކަމަށވެ. 2014 ވަނަ އަހަރު ގްރޭޑް 10 ގައި 7550 ދަރިވަރުން ކިޔަވަން ޖެހޭނެ ކަމަށާއި އެއީ އޭގެ 3 އަހަރު ކުރިން ގްރޭޑް 8 ގައި ކިޔެވި ދަރިވަރުންގެ އަދަދު ކަމަށެވެ.
އަދި އެ ދަރިވަރުންގެ ތެރެއިން ގްރޭޑް 8 އާއި 9 ގައި ތަކުރާރުކުރި ކުއްޖަކު މަދުވި ނަމަވެސް އޭގެ ކުރީގައި ތަކުރާރުކުރި ކުދިންނާއެކު އެ އަދަދު 7550 ގައި ހިފަހައްޓާނެ ކަމަށާއި ނަމަވެސް، 2014 ވަނަ އަހަރު ގްރޭޑް 10 ނިންމައި ސްކޫލްތަކުން އޯ ލެވެލް ހަދާފައި ވަނީ 5643 ދަރިވަރުން ކަމަށް އަދި އެހެންކަމުން 1907 ދަރިވަރުން އުނިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މުސްތަޤްބަލްގައި ދިވެހި ކޮންމެ ރައްޔިތަކަށް އުފާވެރި ދިރިއުޅުމެއް ހޯދޭނީ، އަދި އޭނާ މުޖުތަމަޢުގައި އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނީ، އެންމެ ދަށްވެގެން ވެސް ގްރޭޑް 10 ގެ ނިޔަލަށް ވަށައިޖެހިފައިވާ ތަޢުލީމެއް ކޮންމެ ދަރިވަރަކަށް ވެސް ދެވިގެންކަމަށްވާއިރު، އަސާސީ ތަޢުލީމު ހަމަހަމަގޮތެއްގައި އެންމެހާ ދަރިވަރުންނަށް ފޯރުކޮށްނުދެއްވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ސްކޫލް ނިޒާމުގެ ތެރެއިން ކުދިންތަކެއް ގެއްލުވާލައްވަމުން ގެންދަވާތީ އެކަން އެމްޑީޕީން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.
އަދި ގެއްލިފައި މިވާ 1907 ދަރިވަރުންނާ މެދު ކަންތައް ވެފައިވާ ގޮތެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވައި އެކަމަށް ޖަވާބުދާރީވެވަޑައިގަތުމަށް މި ޕާޓީގެ ފަރާތުން ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް