ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރަމުންދިޔަ އިންޑިއާ ރައްޔިތެއްގެ މަރު – އާއިލާއިން ބުނަނީ މަރާލީ ކަމަށް

ރާއްޖޭގެ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދިޔަ އިންޑިއާ ރައްޔިތެއްގެ މަރާއިމެދު އޭނާގެ އާއިލާއިން ސުވާލު އުފައްދައިފިއެވެ. 31 ޑިސެމްބަރު ދުވަހުގެ ރޭ އަމިއްލައަށް މަރުވި ކަމަށްބުނާ، އުމުރުން 32 އަހަރުގެ...

05 Jan 2025 | 15:47

ރާއްޖޭގެ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދިޔަ އިންޑިއާ ރައްޔިތެއްގެ މަރާއިމެދު އޭނާގެ އާއިލާއިން ސުވާލު އުފައްދައިފިއެވެ.

31 ޑިސެމްބަރު ދުވަހުގެ ރޭ އަމިއްލައަށް މަރުވި ކަމަށްބުނާ، އުމުރުން 32 އަހަރުގެ ރަވިންދުރަ ސަހާނީގެ އާއިލާއިން ބުނަނީ އެ މަރަކީ ގަތުލެއް ކަމަށް އެ އާއިލާއިން ގަބޫލުކުރާތީ އެ އާއިލާއިންވަނީ ހަރްޔާނާ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައެވެ.

އިންޑިއާގެ ދަ ޓްރިބިއުން ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރަވިންދުރަގެ މަރުގެ ޚަބަރު އާއިލާއަށް ދިނީ އެ ރިސޯޓުގައި ރަވިންދުއާއެކު މަސައްކަތްކުރާ، ހަމަ ހަރިޔާނާއަށް ނިސްބަތްވާ ޝަމްބޫ ނަމަކަށް ކިޔާ މީހެކެވެ.

ރަވިންދުރަގެ ބައްޕަ ރާމްޕުރީތު ސަހާނީ ބުނެފައިވަނީ ރަވިންދުރަގެ މަރުގެ ޚަބަރު ލިބުމުން ހަށިގަނޑާ ހަވާލުވާން އާއިލާއިން ތިން މީހަކު ރާއްޖެއަށް ދަތުރުކުރި ކަމަށާއި ނަމަވެސް ހަށިގަނޑު އާއިލާއާއި ހަވާލުކުރަން ދިވެހި ސަރުކާރުން ދެކޮޅު ހަދާކަމަށެވެ. ރަވިންދުރަ އަމިއްލައަށް މަރުވީކަމަށް ބުނާ ވާހަކަ ގަބޫލު ނުކުރާކަމަށް އާއިލާއިން ބުނެފައިވެއެވެ.

މި ޚަބަރާއި ގުޅޭގޮތުން މި ނޫހުން ވާނީ މިއަދު ހެނދުނު ދިވެހި ފުލުހުންގެ ކޮމެންޓަކަށް އެދިފައެވެ. އެހެންނަމަވެސް އަދި ކޮމެންޓެއް ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް