ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ – ހާލަތު އެބަ މޮނީޓަރ ކުރަމު: އެޗްޕީއޭ

ޗައިނާގައި މިދުވަސްވަރު ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށާއި ހާލަތު މޮނީޓަރ ކުރަމުން އަންނަ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއ...

05 Jan 2025 | 07:59

ޗައިނާގައި މިދުވަސްވަރު ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށާއި ހާލަތު މޮނީޓަރ ކުރަމުން އަންނަ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ މިދުވަސްވަރު ޗައިނާގައި ނޭވަލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް ގިނަވަމުންދާ ކަމަށާއި، އިމަރޖެންސީ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާއި ގުޅޭގޮތުން މީޑިއާތަކަށް ފޮނުވި މީޑިއާ ބްރީފެއްގައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން، ޗައިނާ ސީ.ޑީ.ސީއާއި ހަވާލާ ދެއްވާ މައުލޫމާތު ދެއްވާ ގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރ ދެ ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވެއެވެ.

"ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ޤައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވޭ، މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ،  މިހާލަތާއި ގުޅިގެން ޗައިނާއިން އިމަރޖެންސީއެއް އިއުލާނުކޮށްފައި ނުވޭ، ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެއް، މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާ، މީގެ އިތުރުން އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނޭ" ޑަބްލިއުއެޗްއޯއާއި ހަވާލާދީ އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗް.ޕީ.އޭ އިން މިހާލަތު މޮނިޓަރ ކުރަމުން އަންނަކަން ހާމަކުރަމުން ބުނެފައިވަނީ މީގެ އިތުރުން، މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައިވެސް އިތުރުވެދާނެކަމަށް ލަފާ ކުރެވޭކަމަށާއި ވީމާ، ހުރިހާ ފަރާތްތަކުންވެސް އަންނަނިވި ކަންކަމަށް ސަމާލުކަންދިނުން މުހިއްމު ކަމަށެވެ.

އެ ކަންކަމަކީ

  • ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން
  • ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  • އެހެންނަމަވެސް ބަލިޖެހިގެން ބޮޑުވަރު ވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން

މިކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް