އެކުވެރި އަރަބި އިމާރާތުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ޝަހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް އެކުވެރި އަރަބި އިމާރާތު (ޔުނައިޓެޑް އަރަބް އެމިރޭޓްސް) އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ފުރާވަޑައިގެންފިއެވެ.
ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައ ޝައިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިޢާޔަތްކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނޭކަމަށާއި އަދި މުސްތަޤްބަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމުގައި ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ވަޒީރުގެ މި ދަތުރުފުޅުގައި ޔޫ.އޭ.އީ. ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުގައި މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި އެ ޤައުމުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް