ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގެދޮރުވެރިކަމުގެ ޚާއްޞަ ކެޓަގަރީއެއް ގާއިމުކުރުމުގެ މަޝްވަރާތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތްތެރިން އެންމެ ބޮޑަށް އެދުނު ކަންކަން ތަރުތީބު ކުރެވިފައި އޮތް ގޮތަށް ކޮށްދެއްވާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން އެންމެ ބޮޑަށް ބޭނުންވަނީ އެފަރާތްތަކަށް ޚާއްސަ ގެދޮރުވެރިކަމުގެ ކެޓަގަރީއެއް ޤާއިމްކުރުން ކަމަށެވެ. އެއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މުވައްޒަފުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް ކަމަށާއި، އެފަދަ ކޮންމެ ކަމެއްވެސް އަމާނަތްތެރިކަމާއި، ތެރުވެރިކަމާއެކީގައި ރައްޔިތުންނަށްޓަކައި ފުއްދައިދެމުން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަން ފުޅާކުރުމަށްޓަކާ ވައިޑް ބޮޑީޑް އެއަރކްރާފްޓް ގެނެސް މުހިންމު މަންޒިލްތަކަށް އުދުހުންތައް އިތުރުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމާއި އެރައިވަލް އިތުރުކުރުމަކީ އެންމެންވެސް ކުރަން ބޭނުންވާ މަސައްކަތް ކަމަށާއި، އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އަދި ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން މިއަދު ވަރަށް ހާލުގައި އޮތް ނަމަވެސް މި ކުރެވޭ މަސައްކަތުން ފަޚުރުވެރިކަމާ އެކީގައި ފައިދާވާ، ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދޭ ތަނަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަދަ ހުރިހާ ކަމެއް ކުރުމަށް ރޭވިފައި މިވަނީ ރައްޔިތުންގެ ޖީބަށް ފުރިހަމަ ފުދުންތެރިކަމެއް ގެނެސްދިނުމަށްޓަކައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް