ށ. މިލަންދޫ ސައުތް ލިންކް ފިހާރައިން ކުރިއަށް ގެންދިޔަ ގިވްއަވޭގެ ނަސީބުވެރި ފަރާތްތަކަށް ދެލައްކަ ރުފިޔާގެ އަގު ހުރި އިނާމު ދޫކުރަން ތައްޔާރުވެއްޖެއެވެ.
ސައުތް ލިންކް ފިހާރައިގެ ވެރި ފަރާތް މުހައްމަދު ނާސިރު ދުވަސް ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ މި ގިވްއަވޭ އަކީ ފާއިތުވި 2022 ވަނަ އަހަރު އެއް އަހަރު ދުވަހުގެ މުއްދަތައް އެ ފިހާރައިން ކުރިއަށް ގެންދިޔަ ގިވްއަވޭ އެއް ކަމަށެވެ.
އެގޮތުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ މި ގިވްއަވޭގެ ނަސީބު ވެރިން ހޮވުމުގެ ރަސްމިއްޔާތު އޮންނާނީ 27 ޖަނަވަރީ 2023 ވަނަ ދުވަހުގެ ރޭ ސައުތް ލިންކް ފިހާރަ ކުރިމަތީގައި ކަމަށް މުހައްމަދު ނާސިރު މަޢުލޫމާތުދެއެވެ.
ސައުތް ލިންކް ފިހާރައިގެ ގިވްއަވޭގެ ނަސީބުވެރިންގެ މެދުގައި ގުރުއަތުން ނަސީބުވެރި ފަސް ފަރާތެއް ހޮވާނެ އެވެ.
މިގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް އެންމެ ފަހުގެ ޕީސީއެކްސް ސައިކަލެއް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދާ ފަރާތަކަށް ސްކޫޕީ ކްލަބް ސައިކަލެއް ހަމަޖެހިފައިވާއިރު ތިން ވަނަ އަށް ދާ ފަރާތަކަށް އައި ފޯން 14 ޕްރޯ މެކްސް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ގިވްއަވޭގެ ހަތަރު ވަނަ އަށް ދާ ފަރާތަކަށް ބެޑް ރޫމް ސެޓެއް އަދި ފަސް ވަނަ އަށް ދާ ފަރާތަކަށް ދިހަ ކިލޯގެ އޮޓޯ ދޮންނަ މެޝިނެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ސައުތް ލިންކް ފިހާރައިގެ ވެރި ފަރާތް މުހައްމަދު ނާސިރު ހާމަކުރެއެވެ.
މި ގިވްއަވޭގެ ނަސީބުވެރިން ހޮވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ދިހަ ފަރާތެއްގެ މެދުގައި އެއްހާސް ރުފިޔާގެ އަގުހުރި ވައުޗާ ނެގުން ކުރިއަށްދާނެއެވެ.
މީގެ އިތުރުން ސައުތް ލިންކް ފިހާރައިން 2023 ވަނަ އަހަރަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގިވްއަވޭ މި ރަސްމިއްޔާތުގައި އިއުލާނު ކުރާނެ ކަމަށް އެ ފިހާރައިގެ ވެރިފަރާތުން މަޢުލޫމާތު ދެއެވެ.
މިލަންދޫ ސައުތް ލިންކް ފިހާރައިން ކުރިއަށް ގެންދިޔަ ގިވްއަވޭގެ ނަސީބުވެރިންނަށް ދޭން ހަމަޖެހިފައިވާ އަގުހުރި އިނާމުތަކަކީ މިހާތަނަށް ށ. އަތޮޅުގައި ވެސް ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ގިވްއަވޭ އެވެ.
ގިވްއަވޭގެ ނަސީބު ވެރިން ހޮވުމުގެ ރަސްމިއްޔާތުގައި މިލަންދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ވިޔަފާރި ވެރިން ހިމެނޭހެން އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވާނެ ކަމަށް ސައުތް ލިންކް ފިހާރައިގެ ވެރިފަރާތުން ހާމަކުރެއެވެ.
މިލަންދޫ ސައުތް ލިންކް ފިހާރައަކީ ގާމެންޓްސްއާއި ހާޑްވެއަރ ސާމާނާއި އެލުމިނިއަމް ދޮރު ޖަހައިދިނުމާއި ބޭރުން ޓިނު އެތެރެކޮށްގެން ޓިނު ހެދުމުގެ ޚިދުމަތް ފޯރުކޮށްދޭ ފިހާރައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް