އައިއެފްއެފްއެޗްއެސް އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ އަށް

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓޭޓިސްޓިކް (އައިއެފްއެފްއެޗްއެސް) އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާ އާއި ޕީއެސްޖީގެ ތަރި ލިއޮނ...

05 Jan 2023 | 15:58

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓޭޓިސްޓިކް (އައިއެފްއެފްއެޗްއެސް) އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާ އާއި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީއަށް ލިބިއްޖެއެވެ.

ނިމިގެން ދިޔަ 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހީސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ނެގި ވޯޓުގެ ނަތީޖާ ދެއްކި ގޮތުން އެންމެ ގިނަ ވޯޓް ލިބިގެން ޕޮއިންޓުގެ އަދަދު އެންމެ މަތިން ލިބުނީ މެސީއަށެވެ.

މި އެވޯޑް މެސީ ހޯދީ އޭނާއާއި އެންމެ ގާތުން ވާދަކުރި، މެސީއާއި އެއްކުލަބަކަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އާއި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާއާއި ވާދަކޮށެވެ.

އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާއާއި އެކު އުފުލާލި އުމުރުން 35 އަހަރުގެ މެސީއަށް 275 ޕޮއިންޓި ލިބުނުއިރު، ދެވަނައިގައި އޮތް ކިލިއަން އެމްބާޕޭއަށް ލިބުނީ 35 ޕޮއިންޓެވެ. އަދި ތިންވަނައަށް ދިޔަ ބެންޒެމާއަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.

މީގެ އިތުރުން ހަތަރުވަނައަށް ލުކަ މޮޑްރިޗް ދިޔައިރު، އޭނާއަށް ލިބުނީ 15 ޕޮއިންޓެވެ. އަދި ފަސް ވަނަ ލިބުނު އާލިން ހާލަންޑް އަށް ލިބުނީ ފަސް ޕޮއިންޓެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހީސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް ލިބުނުއިރު، މިއީ މި އެވޯޑް އާޖެންޓީނާއަށް ނިސްބަތްވާ ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި އެވޯޑް މެސީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މި އެވޯޑް ލިބުނު ކުޅުންތެރިންނަކީ ނެދަލެންޑްސްގެ މާކޯ ވެން ބާސްޓެން، ޖަރުމަނުގެ ލޮތަ މަތިއެސް، އަދި ޕޮލަންޑްގެ ރޮބަޓް ލެވެންޑޯސްކީއެވެ. މި އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ދެ ކުޅުންތެރިންނަކީ މާކޯ ވެންބާސްޓެން އާއި ރޮބަޓް ލެވެންޑޯސްކީއެވެ. މީގެ ކޮންމެ ކުޅުންތެރިއެއްވެސް މި އެވޯޑް ދެފަހަރު ވަނީ ލިބިފައެވެ. 2021 ވަނަ އަހަރު މިއެވޯޑް ލިބުނީ ކެވެންޑޯސްކީއަށެވެ.

މިއަހަރުގެ މި އެވޯޑް ލިބުނު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އަލެކްސިއާ ޕުޓެލާސްއެވެ. މިއީ އަލެކްސިއާ ޕުޓެލާސް އަށް މި އެވޯޑް ލިބުނު ދެވަނަ ފަހަރެވެ. އެންމެ ފަހުން 2021 ވަނަ އަހަރުގައިވެސް މި އެވޯޑް ލިބުނީ އޭނާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް