ރ. އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އަލިފުށީގައި ބޭއްވުނު މި މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ މި ރަސްމިއްޔާތުގައި އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އަލިފުށީ ކައުންސިލް ރައީސް އާދަމް އިމްރާން ކަމަށެވެ.
އެމްޓީސީސީން ބުނީ އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ މަސައްކަތްތައް ނިމުމުން، އެ ސަރަޙައްދު ވައިގެ ދަތުރުފަތުރުގެ އައު ޒަމާނަކަށް އަލިވިލިގެންދާނެ ކަމަށެވެ. ފަތުރުވެރިކަމާއި، ވާޑާންކުރުމާއި، ބޯޓުޔާޑުގެ ވިޔަފާރި ފުޅާވެ އިޤްތިޞާދު އައު މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އަލިފުށީ ސަރަހައްދުގައި އައު ރިސޯޓްތައް އުފެދި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދާނެ ކަމަށާއި އަދި މި އެއަރޕޯޓުން ފުރައިގެން ވިއްސަކަށް މިނިޓްތެރޭ ވާދޫއަށާއި، ރަސްގެތީމަށާއި، އަނގޮޅިތީމަށާއި، ށ. ކޮމަންޑޫއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ އަލިފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވިގެން ދާއިރު، މި ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެއް ކަމަށެވެ. އެހެންކަމުން، 451 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމިގެން ދާއިރު އަލިފުށީ ބިމުގެ ސައިޒްވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް ރ. އަލިފުށި ބަދަލުވެގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަލިފުށީ އެއަރޕޯޓު ޓާމިނަލް ބިންގާއެޅުމުގެ ރަސްމިއްޔާތުގައި، އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް