ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ނުލިބޭހައި ބޮޑު ތަރައްޤީއެއް ލިބިއްޖެ: އަލިފުށީ ކައުންސިލް

މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާކަމާއި އަދި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށް އަލިފުށީ ކައުންސިލުން ހާމަކޮށްފި...

05 Jan 2023 | 15:37

މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާކަމާއި އަދި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށް އަލިފުށީ ކައުންސިލުން ހާމަކޮށްފިއެވެ.

އެ ކައުންސިލުން މިކަންހާމަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލާ އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު މެންދުރު ބޭއްވި މިބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ، ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

މިގޮތުން އަލިފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތަށް ބޭނުން ވެފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާޢީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އަލިފުށީ އ.ތ.މ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމާއި، އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި، އަދި ރޭވިފައިވާ މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި އ.ތ.މ ކޮމިޓީއާ ހިއްސާކުރެއްވިއެވެ.

މިގޮތުން އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އަލިފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފުދުގައި ހިމެނޭ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް