ޗެލްސީން އެންޒޯ ފެނާންޑޭޒް އަށް 85 މިލިއަން ހުށަހެޅުމުން ވެސް ބެންފީކާއިން ބުނީ ނޫނެކޭ

ޕޯޗުގަލްގެ ބެންފީކާއަށް ކުޅޭ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރު ޗެލްސީން 85 މިލިއަން ޕައުންޑް ހުށަހެޅުމުން ވެސް ބެންފީކާއިން އެންޒޯ ވިއްކާލަ...

05 Jan 2023 | 12:55

ޕޯޗުގަލްގެ ބެންފީކާއަށް ކުޅޭ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރު ޗެލްސީން 85 މިލިއަން ޕައުންޑް ހުށަހެޅުމުން ވެސް ބެންފީކާއިން އެންޒޯ ވިއްކާލަން ފާޅުގައި ދެކޮޅު ހަދައިފި އެވެ.

ޗެލްސީން އަންނަނީ ބޮޑު ހަރަދުކޮށްގެން މި ސީޒަނުގައި އެޓީމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އަޑިގުޑަން ތަކުން އަރައިގަތުމަށް ރަނގަޅު މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންޒޯ ފެނާންޑޭޒް ގެންނަން ޗެލްސީން މިހާތަނަށް ކުރި ދެ ބިޑަށް ވެސް ބެންފީކާ އިން ވަނީ ނޫނެކޭ ބުނެފަ އެވެ. 21 އަހަރުގެ ކުޅަދާނަ މިޑްފީލްޑަރު ހޯދަން ޗެލްސީން އެންމެ ފުރަތަމަ ހުށަހެޅީ 120 މިލިއަން ޕައުންޑް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފަހުން އެ އަދަދު ބޮޑުކޮށް 127 މިލިއަން ޕައުންޑް ހުށައެޅިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަގުބޫލު ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ ޗެލްސީން މިހާތަނަށް އެންޒޯ ހޯދުމަށް ހުށައަޅާފައިވަނީ 85 މިލިއަން ޕައުންޑުކަމަށެވެ. ޗެލްސީގެ މި ހުށައެޅުމަށް ވެސް ބެންފީކާ އިން ބުނަނީ އެންޒޯ ނުވިއްކާނެ ކަމަށާއި، ބަދަލުގައި ކޮންމެހެން އިތުރުން ކުޅުންތެރިއަކު ވެސް ބޭނުންނުވާ ކަމަށެވެ.

އެންޒޯ ވިއްކުމާ ދެކޮޅަށް ބެންފީކާ އިން ގަދަފައި ވިއްދައިގެން ތިބި ނަމަވެސް 130 މިލިއަން ޕައުންޑް ޗެލްސީން ހުށަހަޅައިފި ނަމަ އެ އަގަށް ބެންފީކާ އިން އެއްބަސްވާނެކަމަށް އިނިގިރޭސި ބައެއް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ބުނާގޮތުން ޗެލްސީން މިހާރު އަންނަނީ އެންޒޯ ހޯދަން އިތުރު ބިޑެއް ކުރުމަށް ތައްޔާރުވަމުންކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން އަންނަ އެންޒޯ މިދިޔަ ހަފްތާ ބުނީ ބޭނުންވަނީ ބެންފީކާގައި މަޑުކުރަން ކަމަށާއި އޭނާގެ ވިސްނުން ހުރީ ބެންފީކާ އާއި އެކު ކާމިޔާބީ ހޯދަން ކަމަށެވެ. އަދި ބެންފީކާގެ ރައީސް ރުއި ކޯސްޓާ ބުނީ އެންޒޯ އަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކޯޗު ރޮޖާ ޝްމިޓް އެޓީމު ތައްޔާރުކުރަނީ އެންޒޯ ހިމަނައިގެން ކަމަށެވެ. އެހެންވެ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނުވިއްކާނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް އިނގިރޭސި ބައެއް މީޑިއާތަކުން ޚަބަރު ފަތުރާގޮތުން ޗެލްސީން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އެންޒޯ ހޯދުމަށެވެ. އެގޮތުން މިހާރުވެސް ބެންފީކާއާއި އެކު ބައްދަލުވުންތައް ބާއްވާ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ

މިދިޔަ 2022 ވަނަ އަހަރުގެ ޖޫންމަހު ބެންފީކާއާއި ގުޅުނު އުމުރުން އެންމެ 21 އަހަރުގެ އެންޒޯ ފެނާންޑޭޒް އަންނަނީ ބެންފީކާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ބެންފީކާއަށް ކުޅެދިން 25 މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެންޒޯ އަކީ އެންމެ ފަހުން ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް