ރިއެކްޓް ކުރާންވީ ވަގުތު ރޭގައި ޕްރޮގްރެސިވް ކޯލީޝަނުން ރިއެކްޓެއް ނުކުރި !

އެންމެ ފަހުން ޕްރޮގްރެސިވް ކޯލީޝަނުން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އެއަށްފަހު ރައީސް ސޯލިހަށް ނިސްބަތްކޮށް ސިޔާސީ ޖޯކެއްގެ ގޮތ...

05 Jan 2023 | 09:02

އެންމެ ފަހުން ޕްރޮގްރެސިވް ކޯލީޝަނުން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހަކީ ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އެއަށްފަހު ރައީސް ސޯލިހަށް ނިސްބަތްކޮށް ސިޔާސީ ޖޯކެއްގެ ގޮތުގައިވެސް "ރިއެކްޓް ނުކުރެއްވި" މި ބަސް އެބަ ބޭނުންކުރެވެއެވެ.

ރެއަކީ މި ފަހަކަށް އައިސް ސިޔާސީ މަސްރަހުގައި ވަރަށް ތަފާތު މަންޒަރެއް ފެނިގެންދިޔަ ރެއެކެވެ. އާޓިފިޝަލް ބީޗާ ދިމާ ބޮޑުތަކުރުފާނުމުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހްގެ ކެމްޕޭނު ޖަލްސާއެއް ކުރިއްދިޔައިރު ހަމަ އެވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން އާޓިފިޝަލް ބީޗުތެރޭގައި ސިޔާސީ ހަރަކާތް އިމެއް މިނެއްނެތި ކުރިއަށްގެންދިޔައެވެ.

އެމްޑީޕީ ޖަގަހައިން ވާހަކަތައް ދައްކަމުންދިޔައިރު އަނެއްކޮޅުން އެ ވާހަކަތަކަށް ރައްދުދެމުން ވަރަށް ފޯރީގައި ޕްރޮގްރެސިވް ކޯލީޝަނުންވެސް ވާހަކަ ދައްކަމުންދިޔައެވެ.

އެހެންމަވެސް ފެނިގެންދިޔަ މަންޒަރަކީ ރިއެކްޓް ކުރާންވީ ވަގުތު ރިއެކްޓް ނުކޮށް އެ ކޯލީޝަންގެ ހަރަކާތް ކުއްލިއަކަށް ހުއްޓާލައި ޕާޓީ އޮފީސްދޮށަށް ދިޔަ މަންޒަރެވެ. އެމްޑީޕީގެ ޖަލްސާ ފޯރިއާއެކު ނިންމާލައި އުފާ ފާޅުކުރި ވަގުތު ފޯރިއާއެކު ލަވަޖަހައި ލަވަޔަށް ނަށައި، ބޮނޑިބަތް ކައި ހެދިއިރު ޕްރޮގްރެސިވް ކޯލީޝަންގެ މަދު އަންހެން ކަނބަލަކު އެ ޕާޓީގެ އޮފީހާއި ދިމާގައި އިށީނދެލައިގެން ތިއްބެވެ.

އެމްޑީޕީގެ ޖަލްސާ ނިންމާލަން ގާތްވެފައިވަނިކޮށް ޕްރޮގްރެސިވް ކޯލީޝަނުގެ ވެރިން އެންގީ ހަރަކާތް ނިންމާލައި ރީތިކޮށް އޮފީސް ދޮށަށް ދާންވީ ކަމަށެވެ.

މިއީ އެ ކޯލީޝަންގެ ލީޑަރުކަމުގައިވާ ރައީސް ޔާމީން ޖަލަށް ލި ދުވަހުވެސް ފެނިގެންދިޔަ މަންޒަރެކެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތިވެއްޖެކަމަށް ކޯޓުން ކަނޑައެޅި ހިސާބުން އެ ކޯލީޝަންގެ ލީޑަރުން އެ ކޯލީޝަންގެ ސަޕޯޓަރުންނަށް އެންގީ ދެން ރީތިކޮށް ހިނގާލާފައި މަޖީދީ މަގުންލާފައި ޕާޓީ އޮފީހާއި ދިމާއަށް ދާންވީ ކަމަށެވެ.

އެ ކޯލީޝަނުން މި ހާލަތުގައި އަމަލުކުރަމުން އަންނަ ގޮތާއިމެދު ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ފާޑުކިޔާ ފަރާތްތަކުން ބުނަނީ ލީޑަރު ޖަލަށް ލާފައިވާ ހާލަތެއްގައިވެސް އެ ކޯލީޝަންގެ ހަރަކާތްތަކުގައި މާ ބޮޑު "ޗަސްބެއް" ނެތް ކަމަށެވެ. ހިތްވަރެއް ބުންވަރެއް ނެތްކަމަށެވެ.

ރޭގައިވެސް ފެނިގެންދިޔައީ ހަމަ އެ މަންޒަރެވެ. ސިޔާސީ ރޫހެއްގައި، ސިޔާސީ ފޯރީގައި ރިއެކްޓް ކުރާންވީ ވަގުތު އެވެރިން ތިބީ ގޮސް ޕާޓީ އޮފީސް ދޮށުގައި އިށީނދެގެންނެވެ. އެއީވެސް ދެތިން ކަނބަލުންނެވެ. އޭރަކު ލީޑަޝިޕް ބޭފުޅަކުވެސް ފެންނާކަށް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް